ފަތިސް ނަމާދަށް ގިނަ ބަޔަކު ހޭލެއްވުމުގެ މަގްސަދުގައި ލިޓަސް އިން ފޭސްބުކްގައި ޗެލެންޖެއް ފަށައިފި އެވެ.
މި ޗެލެންޖުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ފަތިހު ފަހެއް ޖަހާއިރު ލިޓަސް އިން އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ސުވާލެއް ޕޯސްޓު ކުރާނެ އެވެ. މި ސުވާލަށް ޖަވާބުދޭ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިއަކަށް 500ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
ސުވާލަށް ޖަވާބު ދެވޭނީ ހަމައެކަނި ފަތިހު 5 އިން ހެނދުނު 6 އާ ދެމެދުގަ އެވެ. އޭގެ ފަހުން ކުރާ ކޮމެންޓުތައް ބަލައިނުގަންނާނެ ކަމަށް ލިޓަސް އިން ބުންޏެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ޖަވާބު ދެވޭނީ އެއް ފަހަރު ކަމަށެވެ. އެއް ފަހަރަށް ވުރެ ގިނައިން ޖަވާބު ދީފައިވާ ނަމަ އެންމެ ފުރަތަމަ ކުރި ކޮމެންޓު ޖަވާބުގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ބުންޏެވެ.
މި ޗެލެންޖުގައި ލިޓަސް އިން ކުރާނީ ދީނީ ސުވާލުތަކެކެވެ. މިއީ ރޯދަމަސް ކަމަށް ވުމުން އެ މަހާ ގުޅުން ހުރި ސުވާލުތައް ކުރުމަށް އިސްކަން ދޭނެ ކަމަށް ލިޓަސް އިން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، މި ޗެލެންޖު ފެށުމުގެ މަގުސަދަކީ ރޯދަމަހު އަޅުކަން ކުރުމަށް ބާރު އެޅުމެވެ.