މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުމާއި ބަޖެޓުގައި އެވަރަށް ފައިސާ ހިމާނަފައި ނެތުމުގެ ސަބަބުން ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ މިއަހަރު ގެނެވެން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސްދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މިއަހަރު ބޭނުންކުރަމުންދާ ބަޖެޓަކީ މިދިޔަ ސަރުކާރުން ފާސްކޮށްފައި އޮތް ބަޖެޓަކަށްވާތީ އޭގައި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ވަރަށް ފައިސާ ހިމަނާފައި ނުވާ ކަމަށެވެ.
މިދިޔަ ސަރުކާރުގެ ބަޖެޓުގައި ބައެއް ކަންކަން ހިމެނުމަށް ފުރުސަތު ލިބުނު ނަމަވެސް މަޖިލީހުގެ ތެރެއިން ބަޖެޓް ފާސްކުރި ފައިސާ އުނިކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެެވެ.
"އަޅުގަނޑުމެން ބޭނުންވާ ވަރަށް މަދު މަޝްރޫއެއް މި އަހަރުގެ ބަޖެޓުގައި ހިމެނުނީ. އަދި ހިމެނުނު މަޝްރޫއުތައް ވެސް މަދު އަދަދެއްގެ ފައިސާ ހިމަނާފައި ވަނީ. އޭޕްރީލް މެއިގައި ފަށަން ބޭނުންވިޔަސް ގިނަ މަޝްރޫއުތައް ވެސް ފެށެން އޮތީ އަހަރުގެ ފަހުކޮޅު،" ލ. އިސްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
"އެހެންވެ މިއަހަރު އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ތަަަރައްގީއެއް، މިހާރު މިއޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓް އޮތް ގޮތުން ގެންދެވޭކަށް ނެތް. އެހެންނަމަވެސް މިބަލަނީ ވީހާވެސް އަވަހަކަށް ގިނަ މަޝްރޫއުތައް ފެށޭތޯ،"
ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ފައިސާ ނެތިގެން ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އޮތް ކަމަށެވެ. އެކަމަކު ވީވަރަކުން މަޝްރޫއުތައް އަލުން ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ރައީސް ވަނީ އިސްދޫއަށް ވައުދުވެ ވަޑައިގަތް ކަންކަން ވެސް ކޮށްދެއްވާނެ ކަމަށާއި އެކަމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރަށް މުހިއްމީ ތަރައްގީގެ މަޝްރޫއުތައް ގެނައުމެވެ. އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތް ރައީސް ވިދާޅުވީ މިހާރަށް ވުރެ ބާރު ސްޕީޑުގައި މަޝްރޫއުތައް ގެންދިއުމަށް މަޖިލިސް ބޭނުންވާ ކަމަށެވެ.
ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ރައީސް ވަނީ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވެފަ އެވެ. ކުރީ ސަރުކާރުން ޑިޒައިނަށް ބަދަލު ގެނެސް ކޯޒްވޭ ހަނިކޮށްފައިވާ ކަމަށައި އެކަމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ކޯޒްވޭގެ މަސައްކަތް އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވިސްނެވީ ފުޅާކޮށް ހެދޭނެ ގޮތަކަށް ނަމަވެސް އެކަން ކުރީ ސަރުކާރުން ބަދަލުކުރީ އެވެ.
"އަޅުގަނޑު ކޮންޓްރެކްޝަން މިނިސްޓަރަށް ދަންނަވައިފިން ކުރީގައި އޮތް ޑިޒައިނަށް ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭތޯ ބަލައިގެން ކުރިއަށް ގެންދަވަން،"
ރައީސް ވަނީ ލ. އަތޮޅުގެ ރައްޔިތުންގެ އުއްމީދުތައް ހާސިލުވާނެ މިންވަރަށް މިއަހަރު ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.