ލ. އަތޮޅަށް ތަރައްގީ ގެނައުމަށް މިއަށް ވުރެ ފަހި ފުރުސަތެއް ނުލިބޭނެ ކަމަށާއި މި ފުރުސަތު ރައްޔިތުން ނަގާލައިފި ނަމަ، ހިތާމަކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ފައިސަލް ވަނީ ލ. އަތޮޅަށް ތަރައްގީ ގެނައުމަށް އެ އަތޮޅުގެ ހަތަރު ގޮނޑި ޕީޕީއެމް/ ޕީއެންސީއަށް ދެއްވުމަަށް އެދިވަޑައިގެންފަ އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މިއަށް ވުރެ ބޮޑު ފުރުސަތެއް ލ. އަތޮޅަށް ތަރައްގީ ގެނައުމަށް ދެން ނުލިބޭނެ އެވެ.

"ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން ބޭނުމީ މިއަށް ވުރެ ފަހި ފުރުސަތެއް ލ. އަތޮޅަށް ތަރައްގީ ގެނައުމަށް އަޅުގަނޑުމެންނަށް ހާސިލުކުރަން ނުލިބޭނެއޭ. މި ފުރުސަތު އަޅުގަނޑުމެން ނަގާލައިފި ނަމަ އަޅުގަނޑުމެން ފަހުން ހިތާމަކުރާނެ،" ފައިސަލްގެ އުފަން އަތޮޅުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުން ބޭނުންވާ ތަރައްގީ ގެނެވޭނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. އެކި ޖަލްސާތަކުގައި އެ އިންތިހާބުގެ މުހިއްމުކަން ރައީސް ވެސް ފާހަގަކުރައްވަމުން ގެންދަވާ ކަމަށާއި އެއީ ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ އާއި އަދިވެސް އިތުރު ކަންކަން ހިމެނޭ ގޮތަށް 200 އަށް ވުރެ ގާނޫނު ފާސްކުރުމަށް ބޭނުންވާތީ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން މި ދާއިރާއަށް ނިސްބަތްވާ ޒުވާނުންނަށް އަޅުގަނޑު ގޮވާލަން، މި މަސައްކަތުގައި ބައިވެރިވެ، މިކަން ސަރުކާރަށް ހާސިލުކުރުމަށް އެހީވާން،"

ލ. އަތޮޅުގެ ތަރައްގީއަށް ރައީސް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އެ މަސައްކަތުގެ ދަށުން ޓޫރިޒަމް މި އަތޮޅުގައި ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 5000-6000 އާ ދެމެދުގެ އެނދު ތައާރަފުކުރާނެ އެވެ. އަދި ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެ އަތޮޅު ގާދޫގައި ބަންކަރިން ހިދުމަތް ފެށުމަށް ވެސް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މިއީ މިއިން ދުވަހަކު ވެސް ލ. އަތޮޅަށް ލިބުނު ތަރައްގީއެއް ނޫނެވެ.

"މިއަދުގެ ސަރުކާރަށް އަދި މިވީ ފަސް މަހެއްހާ ދުވަސް. މިއަދު ރައީސް އެ އިންނެވީ ތިޔަ ބޭފުޅުންގެ އަރިހުގައި. އެހެންވީމަ މިއިން ވެސް އެބަ އެނގޭ އެ މަނިކުފާނަށް ލ، އަތޮޅު ހާއްސަކަން. މި އަތޮޅު އިސްކުރައްވާނެ ކަމުގެ އަލިގަދަ ހެއްކެއް މިއީ."

އެހެންވެ ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ލ. އަތޮޅުގެ ހަތަރު ގޮނޑި ސަރުކާރަށް ދިނުމަށް ފައިސަލް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.