ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް އާޖެންޓީނާ އަށް ދެވުނު ގޮތް ބެލުން މުހިންމު ނޫން ކަމަށް، ކޯޗު ލިއޮނަލް ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކޯޗު، ސެމީ ފައިނަލުގައި މިރޭ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.
ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމަށް ވުރެ، އާޖެންޓީނާގެ ފެންވަރު މިފަހަރު ދަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހާއްސަކޮށް އެ ޓީމު ކޮޅަށް މިފަހަރު ފަސޭހައިން ވަންނަ ގޯލްތަކުގެ ސަބަބުން، އެ ޓީމު ޑިފެންސް ބަލިކަށިކަމަށް ވެސް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.
ގުރޫޕް ސްޓޭޖަށް ފަހު، އެ ޓީމުން ކުޅުނު ކޮންމެ މެޗެއް ކާމިޔާބު ކުރީ އުނދަގުލުންނެވެ. އެހެންވެ ކުޅުންތެރިންނަށް ވަރުބަލިވުމުގެ އަސަރު ކުރިމަތިވެފައިވާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.
އެކަމަކު ސްކަލޯނީ ބުނީ އެކަމާ އޭނާ ކަންބޮޑު ނުވާ ކަމަށެވެ. ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށް ކޯޗު ބުންޏެވެ.
"އަހަރެމެން މިތިބީ ރަނގަޅު ފޯމެއްގައި. އަދި ހަގީގަތުގައި ވެސް މެޗު ފެށޭނެ އިރަކަށް ކެތްމަދުވެފައި. މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލެއް،" އެޓްލާންޓާގައި އޮންނަ ބޮޑު ކުރިމަތިލުމުގެ ކުރިން، އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުންޏެވެ.
"އަދި އަހަރެމެންގެ އުންމީދުތައް އެގޮތުގައި އެބަހުރި. އަހަރެމެން އަލުން މި ހިސާބަށް ގެންގޮސްދިނުމުން މި ކުޅުންތެރިންނަށް ނުހަނު ޝުކުރުވެރިވަން."
މިފަހަރު ވޯލްޑް ކަޕްގައި އުމުރުން 39 އަހަރުގެ ލިއޮނަލް މެސީ އަށް، ލަނޑެއް ނުޖެހުނީ އެންމެ މެޗެއްގައެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި، އެހެން ހުރިހާ މެޗެއްގައި އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
ވޯލްޑް ކަޕްގެ ކުރިން އޭނާ އަށް އަނިޔާގެ ކުދިކުދި މައްސަލަތައް ކުރިމަތިވި އެވެ. އެކަމަކު އެ ގޮންޖެހުންތަކުން އަރައިގަނެ ވޯލްޑް ކަޕާ ކުރިމަތިލީ ރަނގަޅު ފޯމެއްގަ އެވެ.
ސްކަލޯނީ ބުނީ މީގެ ދޮޅު މަސް ކުރިން، ކުޅުންތެރިން ވަރުބަލިވެފައި ނެތް ހާލަތެއްގައި ތިއްބައި ސެމީ ފައިނަލަށް ދާނެ ފުރުސަތު ލިބުނުނަމަ އޭނާ އެކަން ގަބޫލު ކުރީމުސް ކަމަށެވެ. މިހާރު ކުޅުންތެރިން ވަރުބަލިވެފައި ތިއްބަސް ސެމީ އަށް އާދެވުނު ގޮތް ބެލުން މުހިންމު ނޫން ކަމަށް ތަޖރިބާކާރު ކޯޗު ބުންޏެވެ.
"މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން، ސެމީ ފައިނަލާ ހަމައަށް ދެވޭނެ ކަމުގެ ފުރުސަތެއް ލިބުނު ނަމަވެސް އަހަރެން އެކަން ގަބޫލުކުރީމުސް. އެހެންވެ އަހަންނަކަށް މުހިންމެއް ނޫން އަހަރެމެން މިހިސާބަށް އާދެވުނު ގޮތެއް،" ސްކަލޯނީ ބުންޏެވެ.
"އަހަރެންގެ ކުޅުންތެރިންނާ މެދު ޝަކުވާ ކުރާނެ ޖާގައެއް ނެތް. އަހަރެމެން ވަރުބަލިވިޔަސް ނުވިޔަސް، އަހަރެން ފަރުވާލެއް ނެތް. މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލެއް."
އިންގްލެންޑާއި އާޖެންޓީނާއިން ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ފަސް ފަހަރު އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް ކުޅެފައެވެ. މިރޭ ކުޅޭ ސެމީ ފައިނަލު މެޗަކީ މެސީ އާއި ސްކަލޯނީ ވެސް އިންގްލެންޑާ ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރެވެ.
މިރޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.