ފުވައްމުލަކުގެ ލިންކް ރޯޑްގައި މީހުން ބުރުޖަހަން ނުކުތުން އިތުރުވުމާ ގުޅިގެން، އެ މަގު ވަކި ވަގުތެއްގައި ބަންދު ކުރަން ނިންމައި، ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެ ސިޓީގައި ގެއިން ބޭރަށް ނުކުތުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ބަޔަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރުު، އެހެން ރަށްރަށުގަައި ވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މިހާރު އަންނަނީ އަޅަމުންނެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް އޮތީ މަނާކޮށްފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އެ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 4 ން ފެށިގެން މެންދަމު 12 އާ ހަމައަށް އެ ސިޓީގެ ލިންކް ރޯޑް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ވަގުތުގައި އެ މަގު ބޭނުން ކުރެވޭނީ ފުލުހުން ހުއްދަ ދޭ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މީގެ އިތުރުން، ޒަރޫރީ ބޭނުންތަކުގަައި ފިޔަވައި އެހެން ކަންކަމުގައި ގެއިން ބޭރަށް ނުކުތުން ވެސް މަނާވާނެ ކަމަށާއި ޒަރޫރީ ބޭނުމެއްގައި ބޭރަށް ދާ ނަމަ އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއް ތަނަކަށް ޖަމާނުވުމަށާއި ސޯޝަލް ޑިސްޓޭންސިން ބެހެއްޓުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ. އެ އެންގުމާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އާންމުކޮށް ފިނިބުރު ޖެހުމަށާއި ފަސޭހައިން އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ ފުވައްމުލަކު ލިންކް ރޯޑަކީ އެ ސިޓީގެ ބަނދަރުން ފެށިގެން ރަށުގެ އުތުރުކޮޅާ ހަމައަށް ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގެކެވެ. އެ މަގު ބަންދު ކުރިޔަސް، ފުވައްމުލަކުގެ އެހެން އެއްވެސް މަގެއް އަދި މިިހާތަނަކަށް ބަންދެއް ނުކުރެ އެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން މިދިޔަ މަހުގެ ‏26، 27 ގައި ފުވައްމުލަކުން ނެގި ދެ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. އެ މަހުގެ 30 ގައި ނެގި ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.