ކާއެއްޗެހި ތައްޔާރު ކުރުމާއި ކެއުމުގައި ގޭގެ އާއި ރެސްޓޯރަންޓުތަކުގައި ވެސް ޗިލީ ސޯސް އަކީ ކޮންމެހެން ހުންނަން ޖެހޭ އެއްޗެކެވެ. ދިވެހިންގެ ރަހަތަކަށް ކަމުދާނެ، ކޮލިޓީ ރަނގަޅު ޗިލީ ސޯސްއެއް އަނެއްކާ ވެސް މި ވަނީ މާކެޓަށް ނެރެފަ އެވެ. މި ފަހަރުގެ ޗިލީ ސޯސް އަކީ ދިވެހިންނާ ރައްޓެހި ޗައިނާގެ އުފެއްދުމެއް ކަމަށްވާ "ލާއޯ ގަން މަ" ޗިލީ ސޯސް އެވެ.

އެ ޗިލީ ސޯސް ހެދުމަށް ބޭނުންކޮށްފައިވާ ގުދުރަތީ ބާވަތްތަކުގެ ސަބަބުން އޭގެ ރަހަ މީރުވެ، އެ ތައްޔާރު ކުރި ޓާއޯ ހުއާބީ އެ ގައުމުގައި "ހޮޓެސްޓު ވުމަން"ގެ ގޮތުގައި ވަނީ މަޝްހޫރު ވެފަ އެވެ.

"ލާއޯ ގަން މަ" އަކީ ގާތްގަނޑަކަށް ކަޅުކުލަ އަރާވަރަށް ކޮށާފައިވާ މިރުސް ތެލުލައިގެން، ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. އެ ޗިލީ ސޯސްގެ ނަން "ލާއޯ ގަން މަ"ގެ މާނަ އަކީ "އޯލްޑް ގޯލްޑްމަދާ" އެވެ. އޭގެ ކޮންމެ ޗިލީ ސޯސް ފުޅިއެއްގައިވާ ކުރު އިސްތަށިގަނޑު ކުރު އަންހެން މީހާ ރަމްޒުކޮށްދެނީ އެ ނަމުގެ މާނަ އެވެ.

މި ސޯސްގެ ތިން ވައްތަރެއް ހުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ސޯސްގެ ތިން ވައްތަރެއް ހުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ޗިލީ ސޯސް ފުޅީގެ މަތި ހުޅުވާލާ އިރު، އާއްމު ކޮށް ފެންނަން ނުހުންނަ ޕީނަޓާއި، ކުޑަ ލޮނުކަމެއް ހިމެނޭ މުރަނަ ސޯޔާ ބީންސް، އެމްއެސްޖީ، އަދި ތެލާއި އެކުވެ އޮފުކަމެއް އަރައަރާ ހުންނަ މިރުސް ފެންނަން ހުންނާނެ އެވެ.

"ލާއޯ ގަން މަ" އަކީ ޗައިނާގެ "އައިކޯނިކް" އެއްޗަކަށް ވަނީ ވެފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް މަގުބޫލުކަން ހޯދާ، އެކި ހިސާބުތަކުގެ ގެތަކުގެ ކަބަޑާއި ފްރިޖުން ވެސް އެ ޗިލީ ސޯސް ވަނީ ޖާގަ ހޯދައިފަ އެވެ. މި އުފެއްދުން މަގުބޫލުވެ، މި އުފެއްދި ޓާއޯ ހުއާބީގެ އަގު އެއް ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ފޯބްސް ޗައިނާއިން އެސްޓިމޭޓް ކުރެއެވެ.

ޓާއޯ ހުއާބީ އަކީ 1947 ވަނަ އަހަރު ގުއޭޖޯގެ ވިލެޖެއްގެ ފަގީރު އާއިލާއަކަށް އުފަންވި އެ އާއިލާގެ އަށް ވަނަ އަންހެން ދަރިފުޅެވެ. ޓާއޯ އަކީ ތައުލީމު ހާސިލްކޮށް، ލިއެކިޔަން ދަސްކުރަން ފުރުސަތެއް ނުލިބެ އެވެ. އޭނާގެ ޅަދުވަސްވަރު ހޭދަކުރީ ބަނޑުހައި ހޫނުކަންމަތީ އެވެ. ޗައިނާ އަށް ކުރިމަތިވި އެންމެ ބޮޑު ހައިހޫނުކަމުގެ ކާރިސާގައި ޓާއޯ އުޅުނީ ގަސްގަހުގެ މޫ ކައިގެން ކަމަށް އޭނާގެ ބަޔޮގްރަފީތަކުގައި ބުނެފައިވެއެވެ.

މިއީ ތަފާތު ހިތްގައިމު ކުޅިކަމެއް ހުންނަ ސޯސްއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއީ ތަފާތު ހިތްގައިމު ކުޅިކަމެއް ހުންނަ ސޯސްއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާގެ ފިރިމީހާ މަރުވުމުން ގަޔަޔެންގް ސިޓީ އަށް ބަދަލުވެ އޭނާގެ އަމިއްލަ ސޯސްއަކާ އެއްކޮށް ނޫޑްލްސް ހަދައި ވިއްކި އެވެ. އެ ވިޔަފާރި ފުޅާކޮށް 1990ގައި އޭނާގެ ފުރަތަމަ ރެސްޓޯރަންޓު ހުޅުވި އެވެ. އޭރު އެ ތަނަށް އައި ޓްރަކް ޑްރައިވަރުންނަށް ފުޅިފުޅީގައި އޭނާ ތައްޔަރުކުރަމުން ދިޔަ ސޯސް ހަދިޔާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ ސޯސްގެ ރަހަތައް ފޯރުކޮށްދިނެވެ. އެއަށް ފަހު 1996 ވަނަ އަހަރު އެ ސިޓީގެ ގެއެއްގައި ފެކްޓްރީއެއް ގާއިމުކޮށް އޭގެ އަހަރެއްހާ ދުވަސް ފަހުން ލާއޯ ގަން މަ ސްޕެޝަލް ފްލޭވާ ފުޑް ސްޓަފް ކޮމްޕެނީ އުފެއްދި އެވެ.

އެ ކުންފުނީގެ ވެބްސައިޓު ބުނާގޮތުން އެ ކުންފުނިން ދުވާލެއްގެ މައްޗަށް 1.3 މިލިއަން ފުޅީގެ ތަކެތި އުފައްދަ އެވެ.

ޗައިނީސް ފުޑް އާ ބެހޭ ގޮތުން ފޮތެއް ލިޔަމުންދާ ޔުނިވާސިޓީ އޮފް މިޝިގަންގެ ޗައިނީޒް ސްޓަޑީޒްގެ ޕްރޮފެސަރު މިރަންޑާ ބްރައުން ބުނާ ގޮތުން "ލާއޯ ގަން މަ"ގެ މަގުބޫލުކަމުގެ ސިއްރަކީ ޓާއޯގެ އޮތެންޓިސިޓީ އެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނަށް އެ ގައުމާ ގުޅިފައިވާ ފޮނި ހަނދާންތައް އާކޮށްދޭ އެއްޗަކަށް އެ ވެފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.

ޗައިނާގައި މި ޗިލީ ސޯސްއަކީ ހުރިހާ އެއްޗަކާ އެކު ވެސް ބޭނުން ކުރާ އެއްޗެކެވެ. ދުނިޔޭގެ އެހެން ބައެއް ތަންތަނުގައި ހުރިހާ އެއްޗަކާ އެކު ކެޗަޕް ބޭނުން ކުރާ މީހުން ކެޗަޕް ނާޅާ ބައެއް ތަކެއްޗަށް ޗައިނާ މީހުން މި ޗިލީ ސޯސް އަޅައިގެން ބޭނުން ކުރެ އެވެ. ލާއޯ ގަން މަގެ މަގުބޫލުކަމުގެ ސަބަބުން މި ބްރޭންޑުގެ ނަމުގައި ފޯނު ކޭހާއި، ހެދުން އަދި ޕެންސިލް ކޭސް ފަދަ ތަކެތި ވެސް އުފައްދާފައިވެއެވެ. އޭގެ މަގުބޫލުކަން ބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ފިރިހެނުން ކައިވެނި ކުރާއިރު ދެ އަނބިން ތިބޭނެ ކަމަށް ބުނެ، ދެ ވަނަ އަންބަކީ ޓާއޯ ހުއާބީ ކަމަށް ބުނެ އެ ގައުމުގެ ނިއުސް އޭޖެންސީތަކުން ޖޯކު ވެސް ޖަހާފައިވެ އެވެ.

މިއީ ރަހަ މީރު، ޗައިނާގައި ވަރަށް މަގުބޫލު ސޯސްއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއީ ރަހަ މީރު، ޗައިނާގައި ވަރަށް މަގުބޫލު ސޯސްއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެހާސް ސޯޅަ ވަނަ އަހަރު މި ޕްރޮޑަކްޓަށް ލިބުނު މަގުބޫލުކަމުގެ ސަބަބުން ޗައިނާގެ ތާރީހީ ފަގީރު ޕްރޮވިންސް ގުވޭޖޯ އަށް ވަނީ 10.5 ޕަސެންޓުގެ އިގުތިސާދީ ކުރިއެރުމެއް އައިސްފަ އެވެ. މިއީ އެ އަހަރު އެ ގައުމުގެ ނެޝަނަލް ރޭޓު 6.7 ޕަސެންޓުން މަތި ހޯދި ދެ ވަނަ ޕްރޮވިންސެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މި ޗިލީ ސޯސް ވަނީ އެމެރިކާއިން ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން، އެކި ނަން ނަމުގައި މި ޗިލީ ސޯސް ނަކަލުކުރަން މަސައްކަތް ކޮށް، އެކި ބްރޭންޑުތައް އުފައްދާ، "ލާއޯ ގަން މަ"އަށް ވުރެ ދެ ގުނަ ބޮޑުކޮށް ވިއްކުމަށް ވަނީ މަސައްކަތް ވެސް ކޮށްފަ އެވެ. އެކަމަކު އެ ޗިލީ ސޯސްތަކުގައި "ލާއޯ ގަން މަ"ގަ ހުންނަ ގުދުރަތީ މީރު ރަހައެއް ނުހުރެ އެވެ.

ގުވަންގްޑަންގް ޔުނިވާސިޓީއިން ހެދި ރިސާޗެއްގައި ބުނެފައި ވަނީ ޓާއޯގެ ޗިލީ ސޯސްގައި ބޭނުންކޮށްފައިވާ އާދައިގެ އަންހެން މީހާގެ ފޮޓޯގެ ސަބަބުން އެ އުފެއްދުން ގަތުމަށް އެ ގައުމުން ބޭރު މީހުންގެ ޝައުގުވެރިކަން އުފެދޭ ކަމަށެވެ.

ކޮވިޑުގެ ލޮކްޑައުން ދުވަސްވަރު، ގޭގައި ކެއްކުމުގެ އާދަ އަށަގަނެ، ތަފާތު ކެއުންތައް މީހުން ތައްޔަރުކުރަމުން ދިޔަ އިރު އިނގެރޭސިވިލާތުގައި މި ޗިލީ ސޯސްގެ ސޭލްސް 1،900 ޕަސެންޓަށް އެރިކަމަށް އެ ގައުމުގެ އޮންލައިން ރީޓެއިލާ ސޫ ޝެފުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޔީޗާއޮ ގްލޯބަލްއިން ލިއުނު އާޓިކަލްއެއްގައި ޓާއޯ އަކީ "ރެޑް ކިންގްޑަމް"ގެ ރާނީގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

އެ އާޓިކަލް ބުނާ ގޮތުން އޭނާގެ ކޮޓަރި ހުންނަނީ އޭނާގެ ފެކްޓްރީގައި ހުންނަ އޭނާގެ އޮފީހުގައި މިރުސް ދަނޑުތައް ފެންނަން ހުންނާނެހެންނެވެ. އަދި އެ ތަނުގެ ގޯތިތެރެ މިރުހުން ޖަރީވެފައިވާ ކަމަށް ބުނެފައިވެ އެވެ. އެ އާޓިކަލް ނިންމާލަމުން ބުނެފައި ވަނީ ޓާއޯ އަކީ ލިމިޓެޑް އެޑިޝަންގެ މިރުހުގެ ރަތް ކުލަ ރަމްޒުކޮށްދޭ ރޯލްސް ރޮއިސްއެއް ދުއްވާ މީހެއް ކަމަށެވެ.

މިރުހުން ވިޔަފާރިފުޅާކޮށް، ދުނިޔޭގެ އެކި ހިސާބުތަކަށް ތަފާތު، ހިތްގައިމު ކުޅިރަހަ ހިމެނޭ "ލާއޯ ގަން މަ"ގެ ރަހަ މިހާރު މި އޮތީ ދިވެހިންނާއި ހަމައަށް އައިސްފަ އެވެ. ޗައިނާގެ "ހޮޓަސްޓު ވުމަން" ދިވެހިންނަށް ހިތްގައިމު ކުޅިކަމެއް މި ޗިލީ ޕޭސްޓުން ގެނެސްދޭނެ އެވެ.

ނޯޓު: މިއީ ލިންޗްޕިންއިން ވިއްކާ "ލާއޯ ގަން މަ" ޗިލީ ޕޭސްޓުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.