ރީތިކަމާއި ފުރިހަމަކަމުގެ މިސާލު ޖެހުމަށް ޅެންވެރިން އެންމެ ގިނައިން ދައްކަނީ ހަނދުގެ ވާހަކަ އެވެ. ޗާލު ހަނދެއްގެ ފަނޑު އަލީގައި ނިދާލަން ލިބުމަކީ ހަނދަށް ލޯބިކުރާ ކޮންމެ މީހެއްގެ ވެސް ހުވަފެނަކަށް ވެދާނެއެވެ. ދެން މި ހުވަފެން ހަގީގަތަކަށް ހަދައިދޭނީ ލެވިމޫންއެވެ.
މިއީ އެނބުރި އެނބުރި ހުންނަ ބޮތްކެކެވެ. ބަލައި ބެލުމަށް ހަނދަކާ މާބޮޑު ތަފާތެއް ނެތެވެ. އެނދު ކައިރީގައި ވެސް ބަހައްޓާލެވެއެވެ. ކާމޭޒު މަތީގައި ވެސް ބަހައްޓަންވީ އެވެ. ބޭނުން ނަމަ ހަނދުގެ ފުރިހަމަ ހުދު އައްޔެވެ. ބޭނުން ނަމަ ފަނޑު ރީނދޫ އައްޔެވެ. އެމީހަކު ގަޔާވާ ގޮތަކަށް ބަދަލުކޮށްލަންވީއެވެ.
ލެވިމޫން އުފެއްދި ކޫސެޕްޓްސް ކުންފުންޏަކީ މިފަދަ އާދަޔާ ޚިލާފް އުފެއްދުންތައް އުފެއްދުމަށް ޝައުގުވެރިވާ ބައެކެވެ.
ލެވިމޫން ފަރުމާކޮށްފައިވަނީ ދެ ސައިޒަކަށެވެ. އެއީ 15 ސެންޓިމީޓަރާއި 20 ސެންޓިމީޓަރެވެ. ކުޑަ ފިލާފޮއްޗެއް މަތީގައި އެނބުރި އެނބުރި ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ލެވިމޫން ޗާޖުކުރާކަށް ވެސް ހުއްޓާކަށް ނުޖެހެއެވެ. މީގެ ކުލަ ބަދަލުކުރާނެ ކުޑަ ފިތެއް، ލެވިމޫންގެ ފުލުގައި އިނދެ އެވެ. އަދި މީގެ ފިލާ ބުޑުގަނޑުގައި ވެސް ފިތެއް އިންނާނެ އެވެ. މީގެ އަލިކަން 1.5 ވޮޓުން ފެށިގެން 0.1 ވޮޓާ ހަމައަށް ދަށްކޮށްލެވެއެވެ. އެކަން ކުރެވޭނީ މީގެ ފުލުގައި ހުންނަ ފިތަށް ފިތާލައިގެންނެވެ.
ލެވިމޫންއަކީ ހަނދުގެ އައްޔާ އެންމެ ގާތްކުރާ އައްޔެއް ނުކުންނަ ގޮތަށާއި އެނބުރި އެނބުރި ހުންނަ ގޮތަށް އުފެއްދި މީގެ ފުރަތަމަ ބޮތްކެވެ.