މީގެ 11 އަހަރު ކުރިން މަރުވެފައިވާ ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ މަޝްހޫރު "ނެވަލޭންޑް" ރާންޗް 22 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކެލިފޯނިއާގެ ސަންޓާ ބާބަރާގައި ތީމް ޕާކެއް ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ އަގުބޮޑު ރީތި ގެ، ވިއްކާލީ ކުރިން ވިއްކަން އުޅުނު އަގުތަކަށް ވުރެ ކުޑަކޮށެވެ. އެންމެ ފުރަތަމަ، 1،100 ހެކްޓަރުގެ ބިމެއްގައި ހުރި ގެ ވިއްކައިލަން 2015 ގައި އިއުލާންކުރީ 100 މިލިއަން ޑޮލަރަށެވެ. އަދި މިދިޔަ އަހަރު އެތަން 31 މިލިއަން ޑޮލަރަށް ވިއްކައިލަން ވެސް ލިސްޓްކުރި އެވެ.
ކުރިން ލިސްޓްކުރި އަގުތަކަށް ވުރެ މާ ކުޑަކޮށް "ނެވަލޭންޑް" ގަތީ ބިލިއަނަރެއް ކަމަށްވާ ރޮން ބާކަލް އެވެ. އޭނާ އަކީ ޖެކްސަނާ ވަރަށް ގާތް އެކުވެރި ކަމެއް ވެސް ބޭއްވި މީހެކެވެ.
"ނެވަލޭންޑް" ގަތް 68 އަހަރުގެ ވިޔަފާރިވެރިޔާ އަކީ ޕްރައިވެޓް އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ޔުކައިޕާ ކޮމްޕެނީޒްގެ އެއް ބާނީ އަދި މެނޭޖިން ޕާޓްނަރެވެ. ބާކަލްގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޖެކްސަންގެ ކެރިއަރުގެ އެންމެ ރަން ދުވަސްވަރުގައި އޭނާ ބޭނުން ކުރި "ނެވަލޭންޑް" 19.5 މިލިއަން ޑޮލަރަށް ގަތީ 1985 ގަ އެވެ. އެތަނަށް "ނެވަލޭންޑް" ގެ ނަން ދިނީ ޕީޓާ ޕޭންގެ ވާހަކަގައި ސިފަކޮށް ދީފައިވާ ބޮޑުނުވާ ކުދިން އުޅޭ ހިޔާލީ ރަށް ނެވަލެންޑަށް ނިސްބަތްކޮށެވެ.
ޖެކްސަންގެ "ނެވަލެންޑް" ފަހުން ވެގެން ދިޔައީ ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެ މީހުންގެ އާއިލާތައް ވެސް ހިތްއުފާކޮށްލަދޭ ތަނެއްގެ ގޮތުގަ އެވެ. އަދި ފަހުން ނެވަލޭންޑް ވާހަކަ މީޑިއާތަކުގައި އެންމެ ގަދަ އަށް ދެކެވުނީ އެތަނުގެ ތެރޭގައި ޖެކްސަން ކުޑަކުދިންނާ މެދު ހިންގި ކަމަށް ބުނާ ޖިންސީ އަމަލުތަކުގެ ވާހަކަތާ ގުޅުވައިގެންނެވެ.
އެފަދަ މައްސަލަތަކުގައި 1990 އާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ޖެކްސަންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޝަރީއަތްތައް ވެސް ހިންގާފައިވެ އެވެ.
ޖެކްސަން 51 އަހަރުގައި މަރުވީ 2009 ގަ އެވެ. އޭނާ މަރުވި ފަހުން ނެވަލޭންޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަނުގެ ނަން "ސައިކަމޯ ވެލީ ރާންޗް" އަށް ރިބްރޭންޑްކޮށްފައިވެ އެވެ.