އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއީމްސް) އަށް މިދިޔަ ބުދަ ދުވަހު ތުއްތު އަންހެން ކުއްޖަކު ގެނައެވެ. އެހެން ކުދިން އެތަނަށް ގެންދަނީ މައިންބަފައިން ނުވަތަ އެހެން ބެލެނިވެރިން ކަމަށް ވިޔަސް މި ކުއްޖާގެ ހަވާލުގައި ދިޔައީ ފުލުހުންނެވެ.

މިއީ މި ތުއްތު ކުއްޖާއާ ބެހޭ ގޮތުން ބީބީސީގައި ގީތާ ޕާންޑޭ ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ.

ކުއްޖާގެ ޑޮކްޓަރު ޖީވާ ސަންކަރާ އެކު ނާސަރީ އަށް އަހަރެން ވަން އިރު އެ ކުއްޖާ އޮތީ ހޭލަ އެވެ. ވަނުމާ އެކު ބަލަން ފެށީ އަހަންނާ ދިމާލަށެވެ.

"މިއީ އަހަރެމެންގެ ކުއްޖެއް،" ޑޮކްޓަރު ބުންޏެވެ. އެ ކުއްޖާގެ އަތުގައި އަޅާފައިވާ ހުދު ކުލައިގެ ބޭންޑުގައި ލިޔެފައި ވަނީ "އަންހެން ކުއްޖެއް" ކަމަށެވެ. މަންމައެއް، ބައްޕައެއް އަދި އެ ކުއްޖާ ނިސްބަތްވާ އާއިލާއެއް ނޭނގޭތީ އޭގައި ލިޔެފައި ވަނީ "އަންނޯން ފީމޭލް" އެވެ.

ފުރިހަމަ އަށް ހެދި ބޮޑުވެފައި އޮތް ކުއްޖެކެވެ. މޫނު ވެސް ވަރަށް ފުރިހަމަ އެވެ. އެ ކުއްޖާ ފެނުނު މީހަކަށް އެ ކުއްޖާ ދެކެ ލޯބި ނުވެވިއެއް ނުދާނެ އެވެ. "ރީތި ކުއްޖެއް،" އަހަރެން ބުނީމެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުމަތިން ހޮވި އަންހެން ކުއްޖާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއީމްސް) ގެ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: ބީބީސީ
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުމަތިން ހޮވި އަންހެން ކުއްޖާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއީމްސް) ގެ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: ބީބީސީ

ނަރުހުންގެ އިސްކޮށް ހުރި ވީނާ ބާރީ އަހަރެން އެހެން ބުނުމާ އެކު ހޭންފެށި އެވެ. "އެންމެން ވެސް ބުނަނީ ތިހެން."

އަހަރެމެން އެތަނުގައި ކޮޅަށް ތިބެގެން ވާހަކަ ދައްކަމުން ދަނިކޮށް އެ ކުއްޖާ ކުކުރަން ފެށި އެވެ. ބަނޑުހައި ވީ އެވެ. ނަރުހަކު ގޮސް ކުއްޖާ ނެގި އެވެ. މަސަލަސް ކުރުވި އެވެ. ދަގަނޑު ތައްޓަކަށް އަޅާފައި ހުރި ކިރުފޮދެއް ދިނުމާ އެކު ރުއިން ހުއްޓާލީ ހަމަ ވަގުތުންނެވެ.

ބަނޑު ފުރުމުން އަނެއްކާވެސް މަޑުން އޮތެވެ. އެނދުގައި ބޭއްވުމާ އެކު ދެފަރާތަށް ފުރޮޅިލާފައި ވާތް މުއްކަވާލުމަށް ފަހު އިނގިލިތައް ބޯންފެށި އެވެ. ކުޑަ އިރުކޮޅެއް ފަހުން އާފުރެން ފެށި އެވެ. "މިހާރު އެ އުޅެނީ ނިދަން،" ޑރ. ޖީވާ ސަންކަރު ބުނެލި އެވެ.

އެތަނުގައި ތިބި ހުރިހާ ކުދިން ވެސް ތިބީ މައިންބަފައިންގެ ބެލުމުގެދަށުގައި، ލޯބި ލިިބިގެންނެވެ. އެކަމަކު މި ކުއްޖާ އޮތީ އެކަންޏެވެ. ދުނިޔެއަށް އައީ "ބޭނުމެއް ނެތް" ކުއްޖެއްގެ ގޮތުގަ އެވެ. ކަޅިޖަހާނުލައި ބަލަމުން ދިޔައީ ޔަގީންކަމެއް، އުންމީދެއް ނެތް ކުރިމަގަށެވެ.

"ދިއްލީގެ ދެކުނުގައި އޮންނަ މުނިކްކާ ޑިސްޓްރިކްޓްގެ މަގެއްގެ ދުވާރުމަތީ އޮތް ކުއްޖަކު ފެނިގެން ރިޕޯޓްކުރީ މެންދަމު 1:00 ގައި. ފުލުހުންނަށް އެކަން އެންގި މީހާ ބުނީ މަގުމަތިން ކުއްޖަކު ރޯ އަޑު އިވޭ ކަމަށް،" ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ސޮމާތު ޕަރޫތީ ބީބީސީ އަށް ކިޔައިދިނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުމަތިން ހޮވި އަންހެން ކުއްޖާ އަށް އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއީމްސް) ގެ ނަރުހަކު ތައްޓަކުން ކިރު ބޯންދެނީ. -- ފޮޓޯ: ބީބީސީ
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުމަތިން ހޮވި އަންހެން ކުއްޖާ އަށް އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއީމްސް) ގެ ނަރުހަކު ތައްޓަކުން ކިރު ބޯންދެނީ. -- ފޮޓޯ: ބީބީސީ

ފުލުހުން ގޮސް ބެލި އިރު ފެނުނީ ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި އޮތް ކުއްޖެކެވެ. އޮތީ ހެދުމެއް ވެސް ނުލައްވަ އެވެ. އެހީތެެރިކަމަށް އެދި ދިޔައީ ބާރަށް ރޮމުންނެވެ. ދިއްލީގެ ފިނި މޫސުން މިހާރު ފެށިފައި ވާއިރު، ކުއްޖާ ފެނުނު ވަގުތަކީ ވެސް ރޭގަނޑު ފިނި ގަދަ ވަގުތެކެވެ. އެތަނަށް ދިޔަ ފުލުހުންގެ ތެރޭގައި ހިމެނޭ އަންހެން ފުލުހަކު އެ ކުއްޖާ އަވަހަށް ނަގައި، ފޮތިގަނޑަކުން ނިވާކޮށް ފިނިން ރައްކާތެރިކުރި އެވެ.

"މި ކުއްޖާ ގެނައިއިރު އޮތީ ވަރަށް ބޮޑަށް ފިނިވެފައި. ލޭގައި ހަކުރުގެ މިންވަރު ވެސް ހުރީ ވަރަށް ބޮޑަށް ދަށްވެފައި،" އެއީމްސްގެ ކުޑަކުދިންނަށް ހާއްސަ ޑިޕާޓްމަންޓުގެ ވެރިޔާ ވިނޯދް ކުމާރް ޕޯލް ވިދާޅުވި އެވެ.

ކުއްޖާގެ މެޑިކަލް ރިޕޯޓްތަކުން މިހާރު ދައްކަނީ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެއްވެސް އަނިޔާއެއް ކޮށްފައި ހުރި ކަމަކަށް ވެސް ފާހަގަވާކަށް ނެތެވެ.

"މިހާރު މި އޮތީ މި ވަގުތަށް ދޭންޖެހޭ ހުރިހާ ވެކްސިންތަކެއް ވެސް ދީފައި. މިހާރު ބަލަމުން މި ދަނީ ހަށިގަނޑުގައި އެއްވެސް ބައްޔެއް ނުވަތަ އެއްވެސް އައިބުކަމެއް ހުރިތޯ،" ހުރިހާ ކަމެއް ވެސް ރަނގަޅު ކަމުގެ އުންމީދު ބޮޑުކަން ފާހަގަކުރައްވަމުން ޑރ. ޕޯލް ވިދާޅުވި އެވެ.

"މި ކުއްޖާ ހަމަ ބަރާބަރު. އުޅެނީ ވަރަށް މަޖާކޮށް، ރަނގަޅަށް ކައި، ހޭނެ."

ޓެސްޓްތަކުގެ ނަތީޖާތައް ލިބި، ކުއްޖާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ނަމަ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ކޮމިޓީއާ ހަވާލުކުރާނެ އެވެ. އެ ކުއްޖާގެ މައިންބަފައިންނަކީ ކޮބައިތޯ ބެލުމަށް އެ ކޮމިޓީން ފުލުހުންނަށް އަމުރުކުރާނެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުމަތިން ހޮވި އަންހެން ކުއްޖާ އަށް އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއީމްސް) ގެ ޑޮކްޓަރުން އެހީވަނީ. -- ފޮޓޯ: ބީބީސީ
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުމަތިން ހޮވި އަންހެން ކުއްޖާ އަށް އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއީމްސް) ގެ ޑޮކްޓަރުން އެހީވަނީ. -- ފޮޓޯ: ބީބީސީ

އޮފިޝަލުން ވިދާޅުވީ މި ކުއްޖާ ހޮވައިގެން ގެނައި ވާހަކަ އިންޑިއާގެ ނޫސްތަކުގައި ޖެހުމާ އެކު އެ ކުއްޖާ ބޭނުންވެގެން އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށެވެ. އަދި ބައެއް މީހުން ފައިސާގެ އެހީ ވެސް ވަމުން އަންނަ ކަމަށްވެ އެވެ.

އަންހެން ދަރިންގެ ސަބަބުން އުފުލަންޖެހޭ ޒިންމާތައް ބޮޑު ކަމަށް ބުނެ އަންހެން ދަރިން ބޭނުން ނުވާ މީހުން ދަރިން އެއްލާލުމަކީ އިންޑިއާގައި އާންމު ކަމެކެވެ. ބެލެވޭ ގޮތުގައި މިއީ ވެސް އެފަދަ ކަމެކެވެ. އަންހެން ދަރިއަކު ލިބޭ ނަމަ، އުފަން ވުމުގެ ކުރިން ދަރި ވައްޓާލުން ވެސް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އިންޑިއާގެ 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ކޮންމެ 1000 ފިރިހެން ކުއްޖަކަށް އުފަންވަނީ 927 އަންހެން ކުދިންނެވެ. އަދި މި އަހަރުގެ ކުރީކޮޅު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މި އަދަދު ވަނީ 918 އަށް ދަށްވެ އެވެ.

އަންހެން ދަރިން "މެރުން" އިންޑިއާގައި އާންމު ކަމަކަށް ވެފައި ވާތީ އެއީ "ގައުމީ ބޮޑު ލަދެއް"ގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ ސިފަކުރައްވައިފަ އެވެ.