އިނގިރޭސިވިލާތުގައި މުޅިން އަލަށް 20 ޕައުންޑްގެ އާ ނޫޓެއް ބުރާސްފަތި ދުވަހު ބޭނުންކުރަން ފަށައިފި އެވެ.
އާ ނޫޓްގެ އެއް ފުށުގައި ހިމަނާފައި ވަނީ އިނގިރޭސިވިލާތުގެ ކުރީގެ ހުނަރުވެރި ކުރެހުންތެރިޔާ ވިލިއަމް ޓާނާ އެވެ. އޭނާ އަކީ 1775-1851 އަށް ދިރިއުޅުނު ވަރަށް މަގުބޫލު ޝަހުސިއްޔަތެކެވެ.
އިނގިރޭސި މަރުކަޒީ ބޭންކުން ބުނީ ފުރަތަމަ ފަހަރަށް ޕޮލިމާގައި ތައްޔާރުކުރި 20 ޕައުންޑްގެ ނޫޓް އިނގިރޭސިވިލާތުގައި ބޭނުންކުރާ 50 ޕަސަންޓް އޭޓީއެމްތަކުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި ކުރީގެ ނޫޓް ކުރިއަށް އޮތް ހަ މަސް ދުވަހު ލީގަލް ޓެންޑައެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.
މި ވަގުތު 20 ޕައުންޑްގެ 2 ބިލިއަން ނޫޓް އިގުތިސާދުގެ ތެރޭގައި ދައުރުވެ އެވެ.
އާ ނޫޓާ ބެހޭ ގޮތުން ބޭންކް އޮފް އިންގްލެންގެ ގަވަރުނަރު މާކް ކާނީ ވިދާޅުވީ އެ ގައުމުގެ ނޫޓްތަކުން ރަމްޒުކޮށްދޭން ބޭނުން ވަނީ ގައުމުގެ ތާރީހާއި ސަގާފަތާއި ގައުމަށް ހިދުމަތްތެރި ޝަހުސިއްޔަތުންގެ ހަނދާންތައް ކަމަށެވެ.
"އެގޮތުން ވިހި ޕައުންޑްގެ އާ ނޫޓްގައި ހިމެނި ޓާނާ އަކީ ކުރެހުމުގެ ދާއިރާ އަށް ބޮޑު އިންގިބާލެއް ގެނެސްދެއްވި ވަރަށް ހުނަރުވެރޮ ޝަހުސިއްޔަތެއް." އޭނާ ވިދާޅުވި އެވެ. "އަދި މި ނޫޓަކީ އާންމުންނަށް ކަމުދާ އަދި އިންސްޕިރޭޝަނެއްގެ ގޮތުގައި ދެކޭ ނޫޓަކަށްވާނެ ކަމަށް ގަބޫލުކުރެވޭ."
ވިހ ޕައުންޑްގެ އާ ނޫޓަކީ އިނގިރޭސި ބޭންކްގެ މިހާރުގެ ޗީފް ކޭޝިއަަރު ސާރާ ޖޯންގެ ސޮޔާ ވެސް އެކު ނެރުނު ފުރަތަމަ ނޫޓެވެ. އޯމެންޓެޑް ރިއަލިޓީ (އޭވީއާރް) އާ އެކު ނެރުނު މި ނޫޓްގައި 12 ސެކިރިޓީ ފީޗާއެއް ވެސް ހިމަނާފައިިވެ އެވެ.
މި އާ ނޫޓާ އެކު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިސްޓަން ޗާޗިލްގެ ތަސްވީރާ އެކު ތައްޔާރުކުރި 5 ޕައުންޑްގެ އާ ޕޮލިމާ ނޫޓާއި ޖޭން އޮސްޓިންގެ ތަސްވީރު ހިމެނޭ ޕޮލިމާގެ 10 ޕައުންޑް ނޫޓް ހިމެނެ އެވެ. އަންނަ އަހަރު އިނގިރޭސި ހިސާބު އިލްުވެރިޔާ އެލަން ޓިއުރިމްގެ ތަސްވީރާ އެކު 50 ޕައުންޑް ޮޕލިމާ ނޫޓް ނެރޭނެ އެވެ.