ޗައިނާގެ ކުރީގެ މަޝްހޫރު މާޝަލް އާޓްސް ތަރި ބުރޫސް ލީގެ ފޮޓޯއެއް ހުއްދަ ނެތި ވިޔަފާރި އަށް ބޭނުންކުރާ ކަމަށް ބުނެ އެ ގައުމުގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓަކަށް އޭނާގެ އާއިލާ އިން ދައުވާކޮށްފި އެވެ.

މީޑިއާ އިން ބުނީ، ޗައިނާގެ "ރިއަލް ކުންގްފޫ" ފާސްޓް ފުޑް ޗެއިނުން އެތަނުގެ ލޯގޯއެއްގެ ގޮތުގައި ބުރޫސް ލީގެ ސިފަ ބޭނުން ކުރަމުން ދަނީ ހުއްދަ ހޯދުމެއް ނެތި ކަމަށެވެ. މި މައްސަލައިގައި އެ ކުންފުންޏަށް ދައުވާކުރީ ބުރޫސް ލީގެ އަންހެން ދަރިފުޅު ސެނަން ލީ އެވެ.

"ރިއަލް ކުންގްފޫ" އަށް ކުރާ ދައުވާގައި ވަނީ ލޯގޯ ބޭނުންކުރުން މިހާރުން މިހާރަށް ހުއްޓުވައި، ލިބުނު ގެއްލުމުގެ ބަދަލަށް 30 މިލިއަން ޑޮލަރު ނަގައިދޭން އެދިފަ އެވެ.

ނަމަވެސް މި މައްސަލައިގައި "ރިއަލް ކުންގްފޫ" އިން ބުނީ ބުރޫސް ލީގެ ސިފަ ދައްކުވައިދޭ ލޯގޯ ބޭނުން ކުރަނީ ވިޔަފާރިގެ ތެރެއިން ނަގަން ޖެހޭ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށާއި ކުންފުނިން ގަވައިދާ ހިލާފަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ.

ޗައިނާގެ ގުއާންގްޒޫ ސިޓީގައި ހިންގާ "ރިއަލް ކުންގްފޫ" އިން ނެރުން ބަޔާނެއްގައި ބުނީ ކަޅާއި ހުދާއި ރީނދޫ ކުލައި ހިމެނޭ ލޯގޯ ބޭނުން ކުރަމުން އަންނަތާ ވެސް މިހާރު 15 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ.

"އެހެންވީމާ މިހާ ދުވަސް ފަހުން ބުރޫސް ލީގެ އާއިލާ އިން މިކަމާ ދެކޮޅަށް ނުކުތުމަކީ ހައިރާން ވެސް ވާން ޖެހޭ ކަހަލަ ކަމެއް،" ބަޔާނުގައި ބުންޏެވެ.

"ރިއަލް ކުންގްފޫ" ގެ އައުޓްލެޓެއްގައި ބުރޫސްގެ ލީގެ ލޯގޯ.
"ރިއަލް ކުންގްފޫ" ގެ އައުޓްލެޓެއްގައި ބުރޫސްގެ ލީގެ ލޯގޯ.

މީގެ 29 އަހަރު ކުރިން ވުޖޫދަށް ގެނައި "ރިއަލް ކުންގްފޫ" ގެ 600 ގެ އައުޓްލެޓް ޗައިނާގެ އެކި ސަރަހައްދުތަކުގައި ހިންގަ އެވެ.

މި އަހަރުގެ ޖުލައި މަހު ކްއެންޓިން ޓެރެންޓީނޯ ހޮލީވުޑް މަޝްހޫރު ދެ ތަރިން ކަމަށްވާ ލިއޮނާ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓާ އެކު ގެނެސްދިން ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގައި ބުރޫސް ލީ އަށް ކުޑައިމީސްވާ ގޮތަށް މަންޒަރުތަކެއް ހިމަނާފައިވާ ކަމަށް ބުނެ ދަރިފުޅު ޝެނަން އެ ފިލްމާ ދެކޮޅަށް ވެސް އަޑުއުފުލާފައިވެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި މާޝަލް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ބުރޫސް ލީ ވަނީ އުމުރުން އެންމެ 33 އަހަރުގައި 1973 ގައި މަރުވެފަ އެވެ.