ރަތް ކުލައިގެ ލިޕްސްޓިކް ޖެއްސުމަކީ ކްލެސިކް މޭކަޕް ސްޓައިލެކެވެ. އެއީ ކޮންމެ ޒަމާނަކަށް ފެތޭ ކޮންމެ މުނާސަބަތަކާ ވެސް ގުޅުވާލެވޭނެ ވައްތަރެކެވެ. ރަތް ކުލައިގެ އެކި ޝޭޑުތައް ފެޝަން ޝޯތަކުން އާއްމުކޮށް ދައްކާލަ އެވެ. ނަމަވެސް، މިއަހަރު އެންމެ ގިނައިން ފެނުނު ވައްތަރަކީ ރަތް ކުލައިގެ ގަދަ ޝޭޑުތަކެވެ.
ގިނަ މޭކަޕް އާޓިސްޓުންނާއި މޭކަޕްގެ މާހިރުން ބުނާ ގޮތުގައި ގަދަ ކުލަތަކަކީ މިހާރުގެ ނިއުޓްރަލް ކުލަތަކެވެ.
ޕްލަމް އާއި ބެރީ ކުލަތައް، ބްރިކް ރަތް އަދި ކަޅު ކުލައާ ގާތްކުރާ ކުލަތަކަކީ ހަމުގެ އެކި ކުލަތަކާ ވެސް ގުޅޭ ޝޭޑުތަކެކެވެ. ގަދަ ކުލަތަކުގެ ލިޕްސްޓިކް ޓްރެންޑަށް ބައެއް މީހުން ވެމްޕަޔާ މޭކަޕް ވެސް ކިޔަ އެވެ. އެމެރިކާގެ މަޝްހޫރު މޭކަޕް އާޓިސްޓް ނިކް ބަރޮސް ބުނެފައިވާ ގޮތުގައި "ޑާކް ލިޕްސްޓިކް ޖައްސާލުމުން ވަރަށް ޓަފް ސިފައެއް" ދައްކުވައިދޭނެ އެވެ.
މި އަހަރު ގިނަ މޭކަޕް ބްރޭންޑުތަކުން ވެސް ގަދަ ކުލަތަކުގެ ލިޕްސްޓިކް ނެރެފައިވެ އެވެ. ލައިމްކްރައިމް، ކައިލީ އަދި ކަލާ ޕޮޕްގެ މެޓް ލިޕްސްޓިކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުވި ބައެއް ބްރޭންޑުތަކެވެ.
ގަދަ ކުލަތައް ތުންފަތުގައި ޖެއްސުމުގެ ކުރިން ލިޕްލައިނާއެއް ތުންފަތުގެ ވަށައިގެން އަޅާލުމުން ލިޕްސްޓިކެއް ނުފޭދޭނެ އެވެ. އަދި ތުންފަތުގައި ގަދަ ކުލައެއް ޖައްސާ ނަމަ ބްލަޝް، އައިޝެޑޯ އަދި ބުމަ މިނިމަލްކޮށް ނުވަތަ ފަނޑުކޮށް ބެހެއްޓުން ބުއްދިވެރި އެވެ. މޭކަޕް އާޓިސްޓް ޑިކް ޕޭޖް ބުނެފައިވާ ގޮތުގައި "ކުލަ ގަދަ ލިޕްސްޓިކް އަކީ ވަރަށް ގޮތިކް ލުކް" އެކެވެ. އެކަމަކު މިއީ ހަމުގެ ކުލަ އަލި ނޫން ކުދިންނަށް ވަރަށް ގުޅޭ ކުލައެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
މިވައްތަރުގެ ލިޕްސްޓިކް ޝޭޑާ އެކު އިސްތަށިގަނޑު ބޭނުންގޮތަކަށް ސްޓައިލް ކޮށްލެވިދާނެ އެވެ. ވާންކޮށް ފަހަތަށް އައްސާފައި ނުވަތަ އިހުގެ ރެޓްރޯ ސްޓައިލަކަށް ވެސް ބެހެއްޓިދާނެ އެވެ. މޭކަޕް އާޓިސްޓް ރިޒްނާ "މިހާރު ސްޓައިލް" ގައި މި ޓްރެންޑް ހުށަހަޅާދީފައި ވަނީ ވަރަށް ތަފާތު ގޮތަކަށެވެ. ގަދަ ޕްލަމް ޝޭޑެއްގެ ލިޕްސްޓިކަކާ އެކު ރެޓްރޯ ހެއާސްޓައިލަކާއި ލޮލުގައި ފަނޑުކޮށް ކަޅު ކުލައެއް ޖައްސައިގެންނެވެ.