ޓެކްސީގެ ހިދުމަތަށް ބޮޑެތި ބަތަލުތަކެއް އަންނަން ފަށާފައިވާ އިރު، ތަރައްގީވެފައިވާ ބައެއް ގައުމުތަކުން އަންނަނީ އުދުހޭ ޓެކްސީގެ ހިދުމަތް ވެސް ތައާރަފުކުރަން ތައްޔާރުވަމުންނެވެ. އެކަމަކު އޭގެ މާ ކުރިން ރޮބޮޓިކް ޓެކްސީތައް މަގުތަކަށް ނުކުންނާނެ ކަމުގެ ފެހި ސިގްނަލް މިހާރު ވަނީ ލިބިފަ އެވެ.

ސްޕޭސް އެކްސްގެ ވެރިޔާ އަދި ޓެސްލާގެ ބްރޭންޑްގެ ބާނީ އީލޮން މަސްކް ވިދާޅުވި ގޮތުގައި އެ ކުންފުނިން އަންނަ އަހަރު ރޮބޮޓިކް ޓެކްސީ ތައާރަފު ކުރާނެ އެވެ. އެކަމަށް ވާންޖެހޭ ބޮޑެތި ތައްޔާރީތައް ވަމުން އަންނަ އިރު، ރޮބޮޓިކް ޓެކްސީ އަކީ ޑްރައިވަރުންނާ ނުލައި ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ ކާރުތަކެވެ.

"އަންނަ އަހަރުގެ ތެރޭގައި އެއް މިލިއަން ރޮބޮޓިކް ޓެކްސީތައް ކަސްޓަމަރުންނަށް ހިދުމަތް ދޭން މަގުތަކަށް ނުކުންނާނެ،" އީލޮން ވިދާޅުވި އެވެ. "އަހަރެމެން މިހާރު ފެށިގެން މި އަންނަނީ ކާރުތައް އުފައްދާ އާންމު އުސޫލުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުން. އެގޮތުން ސްޓީރިން ވީލް އާއި ޕެޑެލް ނުހުންނަ ކާރުތައް ވެގެން ދާނީ ކުރިމަގުގެ އުފެއްދުންތަކަށް."

އީލޮން ވަނީ ހޯމަ ދުވަހު ޓެސްލާ އިން ނެރެން ނިންމާފައިވާ ޑްރައިވަރާ ނުލައި ދުއްވާ ޓެކްސީ ކާރުގެ ނަމޫނާއެއް ވެސް ދައްކާލި އެވެ. ނަމަވެސް މި ވައްތަރުގެ ޓެކްސީ ރަސްމީކޮށް ނެރޭނެ ސީދާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އީލޮން ވިދާޅުވި ގޮތުގައި ޓެސްލާ ރޮބޮޓިކް ޓެކްސީ އަކީ އޫބާ އާއި ލިފްޓް ފަދަ ޓެކްސީ ހިދުމަތަށް ވެސް ބަދަލު ގެންނާނެ ކަމަކަށް ވާނެ އެވެ.