އިންޑިއާގެ ސޯލާޕޫރްގެ އަވަށެއްގައި، މެޓާނިޓީ ހޮސްޕިޓަލެއް ހިންގާ ދެ ޑޮކްޓަރަކު އެބޯޝަން ހަދައިދީގެން އެތައް ބައިވަރު އަންހެންކުދިންނެއް މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭ ޑޮކްޓަރު ދެމަފިރިން ވަނީ އެބޯޝަން ހަދައިގެން 36 އަންހެންކުދިން މަރާލާފަ އެވެ.
ތޭޖާސް ގާންދީ އާއި އޭނާގެ އަންހެނުން ޕްރިޔާ ވަނީ ކުދިންގެ ޖިންސު ބަލަން ކުރާ ޓެސްޓް ފަސް މީހަކަށް ހަދައިދީ 36 މީހެއްގެ އެބޯޝަން އެ ހޮސްޕިޓަލުގައި ހަދާފައި ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.
މިމަހުގެ 24 ވަނަ ދުވަހު ފުލުހުން މި ހޮސްޕިޓަލަށް ވަދެފައި ވަނީ މި މީހުން އެބޯޝަން ހަދާކަމަށް ބަޔަކު ރިޕޯޓްކުރުމުންނެވެ.
ހުއްދަނޫން ގޮތްގޮތަށް އެބޯޝަން ހަދައިދިނުމަކީ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
އެބޯޝަނާ ހެދި ސޯލާޕޫރްގައި 2015 ވަނަ އަހަރު އުފަންވެފައި ވަނީ ކޮންމެ 1000 ފިރިހެންކުއްޖަކަށް 907 އަންހެންކުދިންނެވެ. އަދި 2016 ގައި މި އަދަދު ވަނީ ކޮންމެ 1000 ފިިރިހެން ކުއްޖަކަށް 899 އަށް ދަށްވެފަ އެވެ.
މިއަހަރުގެ މާޗު މަހުގެ ފުރަތަމަ ހަފުތާގައި ވެސް ފުލުހުން ވަނީ މި ސްޓޭޓްގައި އެބޯޝަން ހަދައިދިނުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފަ އެވެ. މިކަން ކުރި ކްލިނިކްގެ ބިއްދޮށުގައިވާ ތަނަކުން، އެބޯޓްކޮށް މަރާލާފައިވާ 19 ކުއްޖެއްގެ ހަށިގަނޑު ފެނުނެވެ.
ނަމަވެސް އެންމެ ފަހުން ހައްޔަރުކުރި ދެ ޑޮކްޓަރުން ހިންގާ ސިޔާ މެޓާނިޓީ ހޮސްޕިޓަލުން އެބޯޓްކޮށްފައިވާ ކުދިންގެ ހަށިގަނޑުތަކަށް ހެދި ގޮތެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.