ޖިލިއަން ޖޯންސަން އަކީ އަލަށް މަންމައަކަށްވި ޒުވާނެކެވެ. އޭނާ ބަލިވެ އިނދެ ދުވަސްފުރާ ވިހޭއިރުވެސް ސިއްހީ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. ބަލިވެ އިނުމާ ގުޅޭ ގޮތުން ލިޔެފައި ހުންނަ ފޮތްކިޔައި މާބަނޑު މީހުންނަށް ޚާއްސަ ކްލާސްތަކަށް ވެސް އޭނާ ބަރާބަރަށް ދިޔަ އެވެ.
އޭނާގެ ފިރިހެންދަރިފުޅު ލޭންޑަން ދުވަސްފުރުމުން ސިޒޭރިއަން ހަދައިގެން ނެގި އެވެ. ލޭންޑަންގެ ބަރުދަނުގައި 3.37 ކިލޯގްރާމް ހުއްޓެވެ. ވިހެއުމަށް ފަހު އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް ފަހު ލެންޑަން ޖިލިއަންއާ ހަވާލު ކުރި އެވެ.
ދަރިފުޅަށް ހަމައެކަނި ގާތުން ދިނުމަށާއި އިތުރު އެއްޗެއް ނުދިނުމަށް ހޮސްޕިޓަލުން އިރުޝާދު ދިނެވެ. ކޮންމެ 1-2 ގަޑިއަކުން 15-40 ވަރަކަށް މިނިޓް ގާތުން ދިނުމަށް ވެސް ބުންޏެވެ.
ލޭންޑަން އުފަންވިތާ ދެވަނަ އަށް ވީ ދުވަހު ވެސް އަބަދުވެސް އުޅެނީ ބަނޑުހައިވެގެން އުޅޭ ކަހަލަ ގޮތަކަށެވެ. ދަރިންނަށް ކިރުދިނުމާ ބެހޭ ގޮތުން ލަފާ ދޭ މީހުން ބުނަނީ ދަރިފުޅު ރަނގަޅު ކަމަށާއި އެހެން އުޅެނީ މާ ބޮޑަށް ބަނޑުހައިވާ ކުއްޖަކަށް ވާތީ ކަމަށެވެ. ނަމަވެސް ލޭންޑަން އަބަދުވެސް ބޭނުންވަނީ ގާތުން ބޯށެވެ. ދުރަށް ޖައްސާލިޔަސް ރޯން ފަށަ އެވެ. ދަރިފުޅު ރޯތީ ކިތަންމެ ދެރަވިޔަސް ޖިލިއަން މި ކަންކަމަށް އާވުމުން، ދަރިފުޅު ރޮނީ ބަނޑުހައިވެގެން ކަމެއް ނުވިސްނުނެވެ.
ޖިލިއަން އުފަންވިތާ ތިން ވަނަ އަށް ވީ ދުވަހު ވެސް ޖިލިއަން ދަރިފުޅު ނިންދަވާފައި ބޭއްވީ ވަރަށް ގިނައިރު ވަންދެން ގާތުން ދިނުމަށް ފަހުގަ އެވެ. ނަމަވެސް އިރުކޮޅަކުން ބަލާއިރު ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ނޫވެފައިވާކަން ޖިލިއަން އަށް އެނގުނެވެ.
ޖިލިއަންގެ ދަރިފުޅުގެ ހަށިގަނޑުން ފެން މަދުވެގެން ގޮސް ހިތުގެ ހިނގުން ހުއްޓުނީ އެވެ.
ލޭންޑަން އަށް 30 މިނިޓް ވަންދެން ސީޕީއާރު ދިނުމަށްފަހު އައިވީ ގުޅާފައި ވެންޓިލޭޓާގައި ބޭއްވި އެވެ. އޭގެ ވިއްސަކަށް މިނިޓް ފަހުން އަނެއްކާވެސް ކުއްޖާގެ ހަށިގަނޑުގައި ވިންދު ޖަހަން ފެށި އެވެ. ނަމަވެސް އޮކްސިޖަން ނުލިބި މާ ގިނައިރުވެފައިވާތީ ސިކުނޑިއަށް އޭރު ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.
އޭގެ 15 ދުވަސް ފަހުން ލައިފް ސަޕޯޓް ނައްޓާލުމާ އެކު ފުރާނަ ދިޔަ އެވެ.
އެމެރިކާ މީހެއް ކަމަށްވާ ޖިލިއަން އޭނާގެ ތުއްތު ދަރިފުޅުގެ ވާހަކަ އެހެން މީހުންނާ ހިއްސާކުރަން އަބަދުވެސް ބޭނުންވި އެވެ. ނަމަވެސް މީހުން ދެކޭނެ ގޮތަކާ މެދު ކަންބޮޑުވެ އެ ވާހަކަ ދައްކަން ނުކެރިފައި ހުރީ އެވެ. ނަމަވެސް ލޭންޑަންގެ ފަސް ވަނަ އުފަން ދުވަހާ ދިމާކޮށް ޖިލިއަން ވަނީ އޭނާއަށް ކުރެވުނު މި ހިތްދަތި ތަޖުރިބާ ކިޔައިދީފަ އެވެ. އެފަދަ ކަމެއް އެހެން މީހަކަށް ދިމާނުވެވެތޯ މީހުން ހޭލުންތެރިކުރުވުމުގެ ބޭނުމުގަ އެވެ.
"މިއީ ކިހާ ވޭން ހުރި ކަމެއްކަން އެހެން މީހުންނަށް ވެސް އެނގެން އަހަރެން ބޭނުން. އަހަރެންގެ ދަރިފުޅުގެ ވާހަކަ އަހަރެން ހިއްސާ މި ކުރަނީ މިފަދަ ކަމެއް އެހެން އެއްވެސް އާއިލާއަކަށް ތަޖުރިބާކުރަން ޖެހި ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދުގައި،" ޖިލިއަން ބުންޏެވެ.
ޖިލިއަންގެ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ހުރުމުގެ ސަބަބުން ހޯމޯންތައް ބެލެންސް ނުވާތީ ކިރު އުފެދުމުގައި މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމަށް އޭނާ ގާތު ބުނީ ހަމަ އެންމެ ސިއްހީ ތަޖުރިބާކާރެކެވެ.
މި ކަންބޮޑުވުންތައް ހުއްޓާވެސް ޖިލިއަން އަށް ގާތުން ދިނުމަށް ހޮސްޕިޓަލުން ހިތްވަރު ދިނެވެ. އަދި ބަނޑޫހައި ނުފިލާނަމަ ބުއްޕުޅި ދިނުމަށް އެއްވެސް މީހަކު އިރުޝާދެއް ނުދެ އެވެ.
ޖިލިއަންގެ ގާތުން އެއްވެސް ވަރަކަށް ކިރު ނުލިބުމުގެ ސަބަބުން ތުއްތު ލޭންޑަންއަށް ބޭނުންވާ އެއްވެސް ނިއުޓްރިޝަނެއް ނުލިބި އޭނާގެ ހާލު ދަށަށް ދިޔައީ އެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލި އިރު އުފަންވީތާ އެންމެ 64 ގަޑިއިރެވެ. އޭރުވެސް އޭނާގެ ހަށިގަނޑުގެ ބަރުދަން އުފަންވީއިރަށް ވުރެ 9.7 ޕަސެންޓް ވަނީ ލުއިވެފަ އެވެ.
"އަހަރެމެން އޭނާ ގޮވައިގެން ގެއަށް ދިޔައިރަކު އެއްގޮތަކަށް ވެސް ނޭނގޭ ފެން މަދުވުމުގެ ސަބަބުން އޭގެ އެންމެ 12 ގަޑިއިރު ފަހުން އޭނާގެ ހިތް ހުއްޓި ދާނެ ކަމެއް. ދަރިފުޅުގެ ހިތް ހުއްޓގެން ގެންގޮސް ލައިފް ސަޕޯޓް ގުޅިފަހުން އެތަނުގައި ތިބި ޑޮކްޓަރުން ބުނި ގާތުން ދިނުމަކީ އެންމެ ފައިދާ ހުރި ގޮތް ނަމަވެސް ފުދޭ ވަރަކަށް ކިރު ނާރާ ނަމަ ސަޕްލިމެންޓް ދޭން ޖެހޭނޭ،" ޖިލިއަން ބުންޏެވެ.
ލޭންޑަން އުފަންވީ "ބޭބީ ފްރެންޑްލީ" ހޮސްޕިޓަލެއްގައި ކަމުން އެތަނުގައި ހުރިހާ ކަމެއް ވެސް އޮތީ ހަމައެކަނި ގާތުންދިނުމުގެ މައްޗަށެވެ. އުރަމަތީގެ ޕްލާސްޓިކް ސާޖަރީއެއް ހަދާފައި ނުވަތަ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހެއް ނޫން ނަމަ ނުވަތަ އެނޫން ވެސް ސިއްހީ ބޮޑު މައްސަލައެއް ހުރި މީހަކަށް ނުވާނަމަ އެއްގޮތަކަށް ވެސް ބުއްފުޅި ނުދިނުމަށް އެ ހޮސްޕިޓަލުން ބާރު އަޅަ އެވެ. އަދި އެ ހޮސްޕިޓަލުގައި ވިހާ ކުދިންނަށް ފޯމިއުލާ ދެވެނީ ހަމައެކަނި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު ބޭސް ސިޓީގައި ލިޔެފައި ދިނުމުން އެކަންޏެވެ.
"ލޭންޑަން އަބަދު އޮންނަނީ ރޯލަ ރޯލަ. އަހަރެން ގާތުން ދޭ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި އޭނާ އޮންނަނީ ރޮއެރޮއެ. އެހެންވެ އަހަރެން އިންނަނީ އަބަދު ބުއް ޖައްސައިގެން. ނަރުހުން އައިސް ހޫނު ބްލެންކެޓަކަށް ލާ އޮޅާލާފައި ތަޅުވާލުމުން އޭނާ އަށް ނިދޭ. ބުއް ޖައްސާފައި ނެތް ގަޑިތަކުގައި ދަރިފުޅު އަބަދު ރޮނީ ކީއްވެތޯ އަހަރެން ނަރުހުންނާ ސުވާލުކުރުމުން އެމީހުން ބުނަނީ ދަރިފުޅު އަބަދު ބުއް ބޯން ބޭނުންވާތީއޭ އެހެން އުޅެނީ،" ޖިލިއަން ބުންޏެވެ.