ރަޝިއާ އިން ޔުކްރެއިނަށް އަރައި، މިހާރު ހިންގާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ޔުކްރެއިނުގެ ބައެއް ރެފިއުޖީން ރާއްޖެ ގެނެސް ބަލަހައްޓަން ޅ. އަތޮޅުގެ ކައުންސިލްތަކުން މިދިޔަ ހަފުތާގައި މަޝްވަރާކޮށްފި އެވެ.
ނަމަވެސް ޅ. އަތޮޅު ކައުންސިލްގެ އިސްނެގުމަކަށް ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި، އިތުރަށް އެކަން ކުރިއަށް ގެންދަން ހިންނަވަރު ކައުންސިލުން ދެކޮޅު ހެދުމުން އެ ހިސާބުން އެ ކަން ނިންމާލާފައިވާ ކަމަށް އަތޮޅު ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި އެވެ. ޔުކްރެއިންގެ ރެފިއުޖީން ރާއްޖެ ގެނައުމުގެ މަޝްވަރާ އިތުރަށް ކުރިއަށް ގެންދަން ހިންނަވަރު ކައުންސިލުން ދެކޮޅު ހެދުމުން އޮޅުވެލިފުށި ކައުންސިލުން އެ ކަމަށް ތާއީދުކުރި އެވެ.
"އެއް ކައުންސިލަކުން އެކަން ވީޓޯ ކުރުމުން ދެން އަޅުގަނޑުމެން ބޭނުމެއް ނޫން އެ މަޝްވަރާ ކުރިއަށް ގެންދާކަށް. އަތޮޅު ކައުންސިލުން ކިތަންމެ ބޭނުންވިޔަސް އެކަން ކުރެވޭނީ އެހެން ކައުންސިލްތަކުން ވެސް ބޭނުން ނަމަ،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޅ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ވަނީ ރެފިއުޖީން ގެނައުމާ ގުޅޭ މަޝްވަރާ ޗަމްޕާ ބްރަދާސްގެ ޗެއާމަން އަދި ޓޫރިޒަމްގެ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއެކު ވެސް ކޮށްފަ އެވެ. އެ މަޝްވަރާގައި އުއްޗު ހުށަހެޅުއްވީ އޭނާގެ ހަރަދުގައި ޔުކްރެއިނުގެ 100 އާއިލާއެއް ރާއްޖޭގައި ބެލެހެއްޓުމަށެވެ.
"ޓޫރިޒަމްގެ ބައެއް ވިޔަފާރިވެރިން ތިއްބެވީ މި ކަން ކުރައްވަން ތައްޔާރަށް. އެ އެހީތެރިކަން ލިބޭނެކަން އަޅުގަނޑުމެންނަށް ޔަގީން. އެކަމަކު ކައުންސިލަކުން ވީޓޯ ކުރުމުން އަތޮޅު ކައުންސިލަށް އެކަންޏެއް މިކަމާ ނޫޅެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
"ރަޝިއާ މި ކަމުގައި ޝާމިލުވާތީ ސަރުކާރުގެ ޕްރެޝަރެއް ނޫނީ ހިތްނުތަނަވަސް ކަމެއް [ކައުންސިލަރުންގެ] އުޅެނީ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަޅުގަނޑު ވެސް ބޭނުމެއް ނޫން އަޅުގަނޑުމެންގެ ތެރޭގައި މަސްލަހަތު ގެއްލޭ ކަމެއް ވާ ކަށް."
އޭނާ ވިދާޅުވިގޮތުގައި ޅ. އަތޮޅު ކައުންސިލުން ބޭނުންވީ، ޔުކްރެއިންގެ ރެފިއުޖީން ރާއްޖޭގައި ބަލަހައްޓަން ޅ. އަތޮޅުގެ ކައުންސިލްތަކުގެ އަޣުލަބިއްޔަތުން ފާސްކޮށް، ގަރާރެއްގެ ގޮތުގައި ސަރުކާރަށް ހުށަހަޅާށެވެ.
ޔުކްރެއިނުގެ ހަނގުރާމައާ ގުޅިގެން 3.7 މިލިއަން ރެފިއުޖިން ހާލުގައި ޖެހިފައިވާއިރު، އެކި ގައުމުތަކުން އެ މީހުން ގެންދެ އެވެ. އަދި ބައެއް އާއިލާތަކުން ދަނީ އަމިއްލަ އަށް އެކި ގައުމުތަކަށް ހިޖުރަ ކުރަމުންނެވެ.