ކ. ތުލުސްދޫން ބިން ދޫކުރަން ނިންމި ގޮތާ މެދު އެ ރަށު މީހުން ހިތްހަމަނުޖެހިއްޖެ އެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް މިއަދު ވިދާޅުވީ، މާފިލާފުށިން ތުލުސްދު އަށް ބަދަލުވި މީހުންނާއި ތުލުސްދޫ މީހުންނަށް 100 ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 50 ގޯތި ޚާއްސަ ކޮށްފައި ވަނީ މާފިލާފުށީ މީހުންނަށެވެ.

އަނީސް ވިދާޅުވި ގޮތުގައި ތުލުސްދޫން ގޯތި ދޫނުކުރާތާ ހަތް އަހަރު ވެފައިވާއިރު، އެ ރަށު މީހުން ވެސް ތިބީ ގޯއްޗަށް ވަރަށް ބޭނުންވެފަ އެވެ.

އޭނާ ވިދާޅުވީ ގޯތި ލިބޭ މާފިލާފުށީގެ ބައެއް މީހުންނަކީ، އަމިއްލަ އަށް ގެ ގަނެގެން ދިރިއުޅެމުން އަންނަ ބައެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ހުުޅުމާލެ އިން ފްލެޓު ވެސް ލިބިފައިވާ ކަމަށް އަނީސް ވިދާޅުވި އެވެ.

"މާފިލާފުށީގެ ދެމަފިރިންނަށް ވެސް އެބަ ލިބޭ ގޯތި. އެކަމަކު ތުލުސްދޫގެ ދެމަފިރިންގެ ތެރެއިން ފިރިމީހާ އަށް ގޯތި ލިބިއްޖިއްޔާ އަނބިމީހާ އަކަށް ނުލިބޭ. މާފިލާފުށީގެ އާބާދީ އަކަށް ބަދަލެއް ނާދޭ. ރަށުގެ އާބާދީ އަކަށް ބަދަލެއް ނާންނާނެ. އެ މީހުންގެ ޓާގެޓަކީ ލޯކަލް ޓޫރިޒަމް ފުޅާކުރުން،" އަނީސް ވިދާޅުވި އެވެ.

"ރަށުގެ މީހުންނަށް އެބަ އިނގޭ މާފިލާފުށީގެ ބައެއް މީހުން ގެ ގަނެގެން އެ މީހުން އަމިއްލަ ގޭގައި ދިރިއުޅެމުން އަންނަކަން. ކަންތައްތައް އެހެން އޮއްވައި އަނެއްކާ މި ދޫކުރަނީ 50 ގޯތި. އެކަމުގެ ހިތްހަމަނުޖެހުންތައް މި އުޅެނީ."