ސައުތު ކޮރެއާގެ އެލްޖީ ބްރޭންޑު ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ ސްމާޓް އިލެކްޓްރޯނިކްސް އަށެވެ. ސްމާޓްފޯން، ސްމާޓް ޓީވީ، އަވަން، އަދި ސްމާޓް ދޮންނަ މެޝިން އުފައްދާ ކުންފުންޏެއް ގޮތުގަ އެވެ. އެކަމަކު މި ފަހަރު އެލްޖީގެ ވާހަކަ ދައްކަން މި ޖެހުނީ ތަފާތު ދާއިރާއަކަށް ޚާއްސަކޮށް އުފެއްދި އާލާތެއްގެ ސަބަބުންނެވެ.
އެލްޖީން ސްމާޓް ބަގީޗާ ހައްދަނީ އެވެ. ސްމާޓް ބަގީޗާއޭ ބުންޏަސް، ޒަމާނީ ބަގީޗާތަކުގައި މިހާރު ހުންނަނީ މުޅިން ހެން، ކާން ކަމުދާ ޒާތް ޒާތުގެ ފަތްޕިލާވެއްޔެވެ. ތަރުކާރީއޭ ބުނަމާ ހިނގާށެވެ. ސްމާޓް ބަގީޗާ ހައްދަން ބޭނުން މީހުންނަށް އެލްޖީން މި ފަހަރު ހަދިޔާ ކުރަނީ، ގޭތެރޭގައި ތަރުކާރީ ހެއްދުމަށް، އައިސް އަލަމާރިއެއް ކަހަލަ އަލަމާރި އެކެވެ. އެ އަށް ކިޔަނީ "އިންޑޯ ވެޖެޓަބްލް ކަލްޓިވޭޓާ" އެވެ.
ދުނިޔޭގެ ބާޒާރަށް އާ އުފެއްދުންތައް ތައާރަފް ކުރުމަށް ކޮންމެ އަހަރަކު މައުރަޒެއް ބާއްވަ އެވެ. އެއީ "ކޮންޒިއުމާ އިލެކްޓްރޯނިސް ޝޯ" ނުވަތަ "ސީއީއެސް" އެވެ. މި މައުރަޒު، މި އަންނަ އަހަރު ވެސް އޮންނާނެ އެވެ. މައުރަޒު ފަށާ ތާރީޚަކީ އަންނަ ޖެނުއަރީ 7 އެވެ.
އިލެކްޓްރޯނިކްސް ކުންފުނިތަކުން އުފެއްދުންތަކަށް މާކެޓް ހޯދުމަށް ސީއީއެސް އަށް ޖަމާވެ އެވެ. ދުނިޔެ މީގެ ކުރިން ދެކެފައި ނެތް އާލާތްތައް ކިހިލިޖަހައި ގެންގޮސް މައުރަޒް ކުރާތީ، ސީއީއެސް އަށް މުޅިި ދުނިޔެ ސަމާލުވެ އެވެ. އެލްޖީގެ މި އުފެއްދުމަކީ ވެސް، ސީއީއެސް ގައި ދައްކައިލަން އުފެއްދި އާލާތެކެވެ.
ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަށް ޒިޔާރަތްކުރާ މީހުންނަށް މި އަލަމާރި ކަމުދާ މިންވަރަށް ބަލައި، ގަނޑުކޮށް އުފައްދާނެކަން ކަށަވަރެވެ. އެ ނޫން ވިސްނުމެއްގައި، އެލްޖީ ކަހަލަ ކުންފުންޏަކުން މިވަރު ބޮޑު ދިރާސާއަކަށް އިންވެސްޓް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.
"އިންޑޯ ވެޖެޓަބްލް ކަލްޓިވޭޓާ" ގައި ހައްދާ ތަރުކާރީ ބަގީޗާގެ "ހާލުއަހުވާލު" ބަލައި، ގަސްތަކަށް ތާޒާ މާހައުލެއް ކަށަވަރު ކޮށްދިނުމަށް، މޮބައިލް އެޕްލިކޭޝަނެއް ބޭނުންކުރަން ޖެހެ އެވެ. ބަގީޗާ އަށް އެންމެ ހެޔޮވަރު މިންވަރަށް އަލި އަދި ފިނިހޫނުމިން ދެމެހެއްޓުމަށް ވެސް މި އެޕްލިކޭޝަން އެހީތެރިވެ ދެ އެވެ.