ދުނިޔޭގެ އެންމެ ފުރަތަމަ ފަތްޖެހޭ ޕީސީގެ ގޮތުގައި ޗައިނާގެ ލެނޯވޯ އިން ޕްރޮމޯޓްކުރަމުން އަންނަ އެ ކުންފުނީގެ ތިންކްޕެޑް އެކްސް1 ފޯލްޑް ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.
ތަރައްގީކޮށް،. އުފެއްދުމުގެ މަރުހަލާގައި ފަސް އަހަރު ހޭދަކުރުމަށް ފަހު، މި ޕީސީ ގަންނަން ބޭނުންވާ މީހުންނަށް ދުރާލައި އޯޑަރުކުރަން ހުޅުވައިލި އިރު ފެށޭ އަގަކީ 2،499 ޑޮލަރު (38,484.60ރ.) އެވެ.
ތިންކްޕެޑް އެކްސް1 ފޯލްޑަކީ 13.3 އޯލެޑް ޑިސްޕްލޭއެއް އެކުލެވޭ އެއްޗެކެވެ. ފަތްޖަހައިލުމުން ދެ ސްކްރީން 9.6 އިންޗިއަށް ބަދަލުވެގެންދާނެ އެވެ. މި ޑިވައިސްއާ އެކު ބުލޫޓޫތު މިނީފޯލްޑް ކީބޯޑަކާއި ސްޓޭންޑަކާއި މޮޑް ޕެންއެއް ވެސް އިންނާނެ އެވެ. މިއީ ހޮރިޒަންޓަލް/ވާޓިކަލް އެންގަލަށް ވެސް ބޭނުންކުރެވޭނެ އުފެއްދުމެކެވެ އަދި މިއީ ގެންގުޅެން ފަސޭހަ، ބަރުދަނުގައި 2.2 ޕައުންޑް (0.99 ކިލޯގްރާމް) ހުންނަ އުފެއްދުމެކެވެ. އެހެންވެ ދަބަހުގައި ގެންގުޅެން ވެސް މާ އުނދަގުލެއް ނުވާނެ އެވެ.
ތިންކްޕެޑް އެކްސް1 ފޯލްޑަކީ ވިންޑޯސް 10 ސަަޕޯޓްކުރާ އަދި އިންޓެލް ކޯ ޕްރޮސެސާޒްއާ އެކު އިންޓެލް ހައިބްރިޑް ޓެކްނޮލިޖީ ހިމެނޭ އަދި 5ޖީ ވެސް ސަޕޯޓްކުރާ ޑިވައިސްއެކެވެ. މީގެ އިތުރު ފީޗާތަކަށް ބަލާ އިރު 8ޖީބީގެ ރޭމަކާއި 1ޓީބީގެ ސްޓޯރޭޖާއި ޔޫއެސްބީ-ސީ ދެ ޕޯޓާއި ސިމް-ކާޑް ސްލޮޓެއް އިންނާނެ އެވެ. ބެޓެރީ އަކީ 50Wh އެވެ.
ތިންކްޕެޑް އެކްސް1 ފޯލްޑް ޕްރި-އޯޑަރަށް ހުޅުވައިލި ނަމަވެސް އާންމުކޮށް ބާޒާރަށް ނެރޭނެ އިރެއް ލެނޯވޯ އިން އަދި އިއުލާނެއްނުކުރެ އެވެ.