ބާޒާރުގައި ލުނބޯ އަގު ބޮޑުވުމުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ވަނީ ރޯދައާ ދިމާކޮށް އިންޑިއާ އިން ގިނަ އަދަދެއްގެ ލުނބޯ ގެނެސްފަ އެވެ. އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ލުނބޯ ލިބެން ހުންނާނެ ކަމަށާއި ހޯލްސޭލް އަދި ރީޓެިލްކޮށް ވެސް ވިއްކާނެ ކަމަށެވެ.
ރޯދައާ ދިމާކޮށް ލުނބޯ ކިލޯއެއްގެ އަގު ވަނީ 40ރ. އިން 80ރ. އާއި 90ރ. އަށް އަރައިފަ އެވެ. މިދިޔަ އަހަރު ވެސް ރޯދައާ ދިމާކޮށް ލުނބޯ ކިލޯއެއްގެ އަގު ވަނީ 80ރ.އަށް ވުރެ މައްޗަށް އަރައިފަ އެވެ.
އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60ރ. އަށެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، އެސްޓީއޯއިން ލުނބޯ ގެންނަން ނިންމީ، ބާޒާރުގައި އޭގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވާތީ ކަަމަށެވެ. އަދި ޑިމާންޑަށް ބަލައި އިތުރު ޝިޕްމެންޓްތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދައާ ދިމާކޮށް، އާންމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ ތަކެތީގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރޯދައާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެތަކެތި ވެސް އަންނަނީ އަގު ހެޔޮކޮށް ވިއްކަމުންނެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް 9ރ. އަށް ލިބޭ އިރު އަލުވި ކިލޯއެއް ވިއްކަނީ 11ރ. އަށެވެ. އަދި ބިހެއް ވިއްކަނީ 1.75ރ. އަށެވެ.
އެސްޓީއޯއިން މި ބާވަތްތަކުގެ އިތުރުން، އެހެން ތަކެތީގެ އަގުތައް ވެސް އާދަޔާ ހިލާފަށް ބޮޑުވާ ނަމަ، އެތަކެތީގެ އަގު ވެސް ކޮންޓްރޯލު ކުރަން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.