އެލްއީޑީ "ބްލޫ ލައިޓު"ން ނިދި ޚަރާބުވެ ލޮލަށް ގެއްލުންވުން އެކަށީގެންވާ ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

އެލްއީޑީން ލޮލަށް ގެއްލުންވާ ކަމަށް މީގެ ކުރިން ވެސް ބައެއް ދިރާސާތަކުން ދައްކާފައިވެ އެވެ. މިއީ އެލްއީޑީން ހަށިގަނޑުގެ ބަޔޮލޮޖިކަލް ރިދަމް އާއި ލޮލަށް ގެއްލުންވާ ކަމުގެ އިތުރު ހެކި ލިބުނު ދިރާސާއެއް ކަމަށް ވަނީ ބުނެފަ އެވެ. ފްރެންޗް އެޖެންސީ ފޯ ފުޑް، އެންވަޔަރަމެންޓް އެންޑް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީން ބުނީ އެލްއީޑީން ލޮލުގެ ރެޓިނާ އަށް ގެއްލުންވާ ކަމަށެވެ.

"ބްލޫ ލައިޓް" ހުންނަ އެލްއީޑީ، ޓޯޗް ބައްތި އާއި ކާރު ހެޑް ލައިޓާއި ބައެއް ކުޅޭ އެއްޗެހީގައި ވެސް މިހާރު ވަރަށް އާންމުކޮށް ބޭނުންކުރާ ކަމަށް ސީއެންއެންގައި ބުނެފައިވެ އެވެ.

ދިރާސާކުރި ޓީމުން ބުނީ "ބްލޫ ލައިޓް" ހުންނަ އެއްޗިއްސަށް ބެލުން މަދުކޮށް، އެންމެ ގިނައިން ބެލުމަށް ކަނޑައަޅާ މިންގަނޑު ދަށްކުރަން ޖެހޭ ކަމަށެވެ. އަދި ކާރު ފަދަ އެއްޗެހީގައި މީގެ ލައިޓް ހަރުކުރުން މަދުކުރަންޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ ލައިޓުން ލޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށް "އެންޓި-ބްލޫ ލައިޓް" ފިލްޓަރާއި އައިނު ފަދަ ތަކެތި ގެންގުޅޭ ކަމަށާއި އެކަމަކު މި ތަކެތިން ރައްކާތެރިކަން ލިބެނީ އެކި މިންވަރަށްކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. -- ވެބްއެމްޑީ