މަގުމަތި އަލިކުރުމަށް މިހާރު އާންމުކޮށް ބޭނުންކުރަން ފަށާފައިވާ ލެޑް ލައިޓްގެ އަލި މާ ގަދަ ކަމަށާއި އެކަމުގެ ސަބަބުން ސިއްހީ ގެއްލުންތައް ކުރިމަތިވާނެ ކަމަށް އެމެރިކަން މެޑިކަލް އެސޯސިއޭޝަން (އޭއެމްއޭ) އިން އިންޒާރު ދީ، މިކަމުގައި އަމަލުކުރަންވީ ގައިޑްލައިނެއް އާންމުކޮށްފި އެވެ.
އެމެރިކާގެ މުނިސިޕަލްޓީތަކުން ވެސް ދަނީ ހަކަތައިގެ ހަރަދު ކުޑަކުރުމުގެ ގޮތުން، ކުރިން ހުރި ބޮކިތައް ލެޑަށް ބަދަލުކުރަމުންނެވެ. ނަމަވެސް ޑޮކްޓަރުން ވިދާޅުވެފައި ވަނީ ލެޑް ލައިޓްގެ ސަަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް އެބަހުރި ކަމަށާއި އެހެންވެ އެ ގެއްލުންތައް ކުޑަވާނެ ގޮތަކަށް މިކަމުގައި އަމަލުކުރަންޖެހޭ ކަމަށެވެ. އެމްއޭއޭ އިން ލަފާ ދީފައި ވަނީ ބޮކިތަކުގެ އަލި މަޑުކުރުމާ އެކު މާ ހުދު ނޫން އައްޔެއް އަންނަ ގޮތަށް ބެހެއްޓުމަށެވެ.
އެމްއޭއެމްގެ ލަފަޔަކީ ބޮކިތަކުގެ "ކަލަ ޓެމްޕަރޭޗާ" 3000 ކެލްވިންގައި ބެހެއްޓުމެވެ. މިއީ އަލީގައި ނޫ ކުލަ އާއި ފެހި ކުލަ އާއި ރީނދޫ ކުލަ އަދި ރަތް ކުލަ ކަނޑައަޅާ މިންގަނޑެވެ. މަތީ ސީޓީ ރޭޓިންއެއް ނަމަ އޭގެ މާނަ އަކީ ނޫ ކުލަ ނުވަތަ ހުދުކަން ގަދަވުމެވެ.
އެމެރިކާގެ އެކި ސްޓޭޓްތަކުގައި ވެސް މަގުމަތީގެ ބޮކިތަކުގެ އަލި މާގަދަކަމުން އާންމުންގެ ޝަކުވާ ބޮޑެވެ. އަދި ބައެއް ސަރަހައްދުތަކުގައި އާންމުން ދަނީ ކުރީގެ ބޮކިތަކަށް ބަދަލުކޮށްދިނުމަށް ވެސް އެދެމުންނެވެ.
އެމްއޭއެމް އިން ބުނީ މިހާރު ގެންގުޅޭ ލެޑް ލައިޓްގައި އާންމުކޮށް ދެ މައްސަލައެއް ފާހަގަވާ ކަމަށެވެ. އެއީ ކުރީގެ ބޮކިތަކާ އަޅާބަލާއިރު ހުދު އަލި މާ ގަދަވުމުން ލޮލަށް ގެއްލުން ވުމެވެ. މި ލިބޭ ގެއްލުމުގެ ސަބަބުން ރޭގަނޑު ލޮލަށް ފެނުމުގައި މައްސަލަތައް ކުރިމަތިވެ އެވެ. ޚާއްސަކޮށް، ރޭގަނޑު ވެހިކަލް ދުއްވާ މީހުންނަށް މި މައްސަލައިގެ ސަބަބުން މަގުމަތި ރަނގަޅަށް ނުފެނި އެކްސިޑެންޓްތައް ހިނގުމަށް މަގު ފަހިވެ އެވެ.
އަނެއް މައްސަލަ އަކީ ގުދުރަތީ އައްޔަށް ވުރެ ލެޑް ލައިޓްގެ އަލި ގަދަވުމުން، ދުވާލާއި ރޭގަނޑަށް ހަށިގަނޑު އިޖާބަދޭ ގޮތް ބަދަލުވެ އެކި މައްސަލަތައް ދިމާވެ އެވެ.