ލަންޑަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް މުބާރާތުގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ވާދަކުރުމުގެ ފުރުސަތު ޗެލްސީން ހޯދައިފި އެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ އެގްރިގޭޓް 2-2 އިން އެއްވަރުވެފަ އެވެ. ފުރަތަމަ ލެގުގައި ޓޮޓެންހަމް 1-0 އިން މޮޅުވިއިރު، ރޭގެ މެޗުގެ 90 މިނިޓްގެ ކުޅުން ނިމުނުއިރު ޗެލްސީ ކުރީގައި އޮތީ 2-1 އިންނެވެ. މި މުބާރާތުގައި އެގްރިގޭޓް ގުނާއިރު ރަށުން ބޭރުގައި ޖަހާ ގޯލަށް ނުބަލާނެ އެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނިޓްގައި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ. އޭގެ 11 މިނިޓް ފަހުން ލީޑުފުޅާކޮށްދިނީ އެޑެން ހަޒާޑް އެވެ.
އަނިޔާގެ ސަަބަބުން ޓޮޓެންހަމްގެ ހެރީ ކޭން އާއި ޑެލެ އަލީ ކުޅުމާ ދުރުހުރިއިރު، އޭޝިއަން ކަޕަށް ވީއްލާފައިވުމުން ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ވެސް ހުރީ ޓީމާ ދުރުގަ އެވެ. އެހެންވެ ޓޮޓެންހަމްގެ ފޯވާޑް ލައިން ލީޑު ކުރަމުންދަނީ ތަޖުރިބާކާރު ސްޕެއިންގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ އެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމަށް އުއްމީދެއް ލިބުނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ލޮރެންޓޭ ލަނޑެއް ކާމިޔާބު ކޮށްދިނުމުންނެވެ.
މި މުބާރާތުގެ ގަވައިދުގައިވާ ގޮތުން ދެ ޓީމުގެ ނަތީޖާ 90 މިނިޓަށް ފަހު އެއްވަރުވެއްޖެނަމަ އިތުރު ވަގުތުގެ ދެ ހާފެއް ނުކުޅޭނެ އެވެ. އެހެންވެ ރޭގެ މެޗުގައި ވެސް ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ.
ޕެނަލްޓީގައި ޗެލްސީން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ޕެނަލްޓީތައް ޖެހީ ވިލިއަން، ސެސާ އަޒްޕިލިކުއޭޓާ، ޖޯޖީނިއޯ އަދި ޑޭވިޑް ލުއިޒް އެވެ. ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސެން އާއި ލަމޭލާ ޕެނަލްޓީ ކާމިޔާބުކުރިއިރު، އެރިކް ޑަޔާ އާއި ލޫކަސް މޯރާ ޖެހި ޕެނަލްޓީތައް ކާމިޔާބެއް ނުވި އެވެ.
މިއީ ފާއިތުވި 16 އަހަރުގެ ތެރޭގައި ޗެލްސީން އެކި މުބާރާތްތަކުގައި ކުޅޭނެ 15 ވަނަ ފައިނަލެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށް ކުޅޭ ފައިނަލް އޮންނާނީ އަންނަ މަހުގެ 24 ގަ އެވެ،
ރޭގެ މެޗާ ބެހޭގޮތުން ޗެލްސީގެ ކޯޗު މައުރީޒޯ ސާރީ ބުނީ ސެމީ ފައިނަލުގެ ދެ މެޗަށް ބަލާއިރު ފައިނަލަށް ދިއުން އެންމެ ހައްގީ ޗެލްސީ ކަމަށާއި އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް އަތުން ބަލިވި ނަމަވެސް މި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާހިލާފު ރޫހެއް ކަމަށެވެ.
ސާރީ އަކީ ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ލީގު ކަޕް ފައިނަލަށް ދަތުރުކުރި ހަތަރު ވަނަ ކޯޗެވެ. މިއީ މި މުބާރާތުގެ ފައިނަލުގައި ޗެލްސީ ކުޅޭނެ އަށް ވަނަ ފަހަރެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޕެނަލްޓީ ޖަހައިގެން ބަލިވުމަކީ މީގެ އޭނާގެ ޓީމުން ކުރި ހިތްވަރަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި އެކަމަކު މި މުބާރާތުގެ ގަވާއިދު ބަދަލުކުރިގޮތާ މެދު ހިތްހަަމަ ނުޖެހޭ ކަމަށެވެ.
"ސްޕެއިނާއި ޔޫރަޕްގެ މުބާރާތްތަކުގައި ވެސް ރަށުންބޭރުގައި ގޯލެއް ޖަހައިގެން އެގްރިގޭޓް އެއްވަރުވެއްޖެނަމަ އެ ޓީމެއް އަނެއް ބުރަށް ދަނީ. މި މެޗުގައި 180 މިނިޓް (ދެ މެޗު) ނިމުނުއިރު 2-2. އަހަރެމެން ރަށުންބޭރުގައި ލަނޑެއް ޖެހީ. އެކަމަކު މި ފެނުނީ މިދިޔަ އަހަރު ބަދަލުކުރި ގަވައިދުގެ ގެއްލުން އަހަރެމެންނަށް ލިބުނުތަން." ކުރިން ސައުތެމްޓަނާއި އެސްޕަންޔޯލަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.