ސާޅީހަކަށް އަހަރު ވަންދެން އައްޑޫ ހުޅުދޫގައި އެކަނިމާއެކަނި އަޅާލާނެ މީހަކު ނެތި ދިރިއުޅެމުން އައި އުމުރުން ދުވަސްވީ މީހާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
ލ. ފޮނަދު އަށް އުފަން އަލިތަކުރު، 78. ހުޅުދު އަށް ހިޖުރަ ކުރީ 1978 ގަ އެވެ. އޭނާ އެ ރަށުގައި ދިރިއުޅުނީ އެކަނިމާއެކަންޏެވެ. އޭނާގެ އަންބަކު އަދި ދަރިއަކު ވެސް ނެތެވެ.
އަލިތަކުރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ފޭސްބުކްގައި ހިއްސާ ކުރި ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު އަލީ އަންވަރު މިއަދު ވިދާޅުވީ އެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވެގެން އަލިތަކުރު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ހިތަދޫގައި ހުންނަ ޖެންޑަ މިނިސްޓްރީގެ ޗިލްޑްރަން އެންޑް ފެމިލީ ސެންޓަރުގެ މުވައްޒަފުންތަކެއް ހުޅުދު އަށް މިއަދު ހަވީރު ގޮސް އެ ތަނުގެ ބެލުމުގެ ދަށަށް އަލިތަކުރު ވަނީ ގެންގޮސްފަ އެވެ. އަދި މާދަމާ ހެނދުނުގެ ވަގުތެއްގައި އޭނާ އެހީތެރިއަކާ އެކު މާލެ ފުރުވައިލަން ވަނީ ހަމަޖެހިފަ އެވެ.
އަންވަރު ވިދާޅުވީ އަލިތަކުރު މާލެ ގެންގޮސް، ގެންދާނީ ގުރައިދޫގައި ހުންނަ ހާއްސަ އެެހީ އަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ކަމަށެވެ.
"އޭނާ އަށް އެތަނުން ޖާގައެއް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާތާ 18 އަހަރުވެއްޖެ. އެކަމަކު މިހާތަނަށް އެ ފުރުސަތު ނުލިބި ވަރަށް ނިކަމެތި ހާލެއްގައި އުޅެމުން ދަނިކޮށް މިކަންބޮވުން ސޯޝަލް މީޑިއާގައި ފާޅު ކުރުމުން މީޑިއާތަކަށް މި ވާހަކަ އަރައި ޖެންޑަ މިނިސްޓަރުގެ ސަމާލު ކަމަށް މިކަން އައުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ އޭނާ މިހާތަނަށް އެންމެ ބޮޑަށް ފިކުރު ބޮޑުވެފައި އޮތް މައްސަލަ އަށް ހައްލެއް ލިބުމުން ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.
"ވަރަށް ހިތްހަމަޖެހިއްޖެ. އަލިތަކުރަށް އަޅާލެވޭނެ ގޮތެއްވެ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ވަރަށް އުފާވެއްޖެ" އޭނާ ވިދާޅުވި އެވެ. "އޭނާ މި ރަށުގައި އުޅެމުން ދިޔަ ނިކަމެތި ހާލަށް ނިމުމެއް އައިތީ ހަމްދުކޮށް ޝުކުރު ވެސް ކުރަން."