ކޮލަމްބޯ (ފެބްރުއަރީ 12) - ސްރީ ލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމި ގޮތް ގަބޫލްކޮށް ކުރިއަށް އޮތް ތަނުގައި ކަންކަން ވަރަށް ބޮޑަށް ރަނގަޅުކޮށް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ނުކުންނާނެ ކަމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުނެފި އެވެ.
ޔޫއެންޕީގެ ޖެނެރަލް ސެކްރެޓަރީ އަދި މިނިސްޓަރު ކަބީރު ހާޝިމް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވަނީ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދީފައި ކަމަށާއި އެކަމާ ފުންކޮށް ވިސްނާ ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް ސަރުކާރުން ފުރިހަމައަށް ތަބާވާނެ. އިންތިޚާބު މެދުވެރިކޮށް ރައްޔިތުން އެ ވަނީ ސަރުކާރަށް އިންޒާރުގެ މެސެޖެއް ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ސަރުކާރުން ވަނީ ވަރަށް ގިނަ ކަންކަން ރައްޔިތުންނަށް ކޮށްދީފައި ކަމަށާއި އަދި ކުރިއަށް ވެސް ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި ކަމަށެވެ.
ލަންކާގެ ލޯކަލް އިންތިޚާބުން ކުރި ހޯދާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީ އެވެ. ރަސްމީ ނަތީޖާތައް ދައްކާ ގޮތުން ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ - އެސްއެލްޕީޕީ ނުވަތަ ޕީޕަލްސް ފްރަންޓް އިން ވަނީ 340 ކައުންސިލްގެ ތެރޭން 225 ކައުންސިލް ކާމިޔާބު ކޮށްފަ އެވެ. ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ 41 ކައުންސިލެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާގެ ފްރީޑަމް އެލަޔަންސް އަށް ކާމިޔާބު ކުރެވުނީ 11 ކައުންސިލެވެ.
މިޑް-ޓާމް ޓެސްޓެއްގެ ގޮތުގައި ބެލެވުނު ލޯކަލް ކައުންސިލް އިންތިޚާބުން ވެރިކަންކުރާ ކޯލިޝަނަށް ނާކާމިޔާބުވި އިރު ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލްއާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ސިރިސޭނާ އާއި ރަނިލް ކެމްޕޭން ކުރައްވާފައި ވަނީ އެ ބޭފުޅުންގެ ޕާޓީތަކަށް ވަކިވަކިންނެވެ. ޔޫއެންޕީން ބުނެފައި ވަނީ 2020 ގެ އާއްމު އިންތިޚާބުގައި ވެސް ކެމްޕޭން ކުރާނީ ވަކިން ކަމަށެވެ.