ކޮލަމްބޯ (އޮގަސްޓް 6) - ސްރީ ލަންކާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމުގެ އުއްމީދު ރާޖަޕަކްސާ އާއިލާގެ ދެބެން ކަމަށްވާ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ ފާޅު ކުރައްވައިފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދެ ފަހަރެއްގެ މަތިން ފަސްކުރި އިންތިޚާބުގައި އިއްޔެ ވޯޓުލާފައި ވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް އިސްކަން ދީގެންނެވެ. ވޯޓުލާން ދިޔަ އެންމެން މާސްކް އަޅަން މަޖްބޫރުކޮށްފައިވެ އެވެ. އަދި ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ގައިދުރުކޮށެވެ. ފާހަގަޖަހަން ކޮންމެ މީހަކު ވެސް ގެންގޮސްފައި ވަނީ އަމިއްލަ ގަލަމެކެވެ.

ލަންކާގެ ރައީސް ބޮޑު ވަޒީރު ރާޖަޕަކްސާ އިއްޔެ ވޯޓު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
ލަންކާގެ ރައީސް ބޮޑު ވަޒީރު ރާޖަޕަކްސާ އިއްޔެ ވޯޓު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 16.23 މިލިއަން މީހުންގެ 70 ޕަސެންޓް މީހުން އިއްޔެ ވޯޓުލީ ކަމަށެވެ. ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި 83 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.

ވޯޓު ގުނަން ފަށާފައި ވަނީ މިއަދު ހެނދުނެވެ. ނަތީޖާތައް ސާފުވާން ފަށާނީ މިއަދު މެންދުރު ފަހުން ފެށިގެންނެވެ. ފަހުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ރައީސް ގޯޓާބޭ އާއި ބޮޑު ވަޒީރު މަހިންދާ އުއްމީދު ކުރައްވަނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބޭނެ ކަމަށެވެ. ސިޔާސީ ތަޖްރިބާކާރުން ވެސް އުއްމީދު ކުރަނީ 225 ގޮނޑީގެ ޕާލަމެންޓުގެ އަޣުލަބިއްޔަތު ވެރިކަންކުރާ ޕާޓީން ފަސޭހަކަމާ އެކު ހޯދާނެ ކަމަށެވެ.

ޔޫއެންޕީގެ ލީޑަރު ރަނިލް އިއްޔެ ވޯޓު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
ޔޫއެންޕީގެ ލީޑަރު ރަނިލް އިއްޔެ ވޯޓު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

އިދިކޮޅު ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް ސަރުކާރެއް އުފެއްދޭވަރަށް ގޮނޑި ލިބޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މަހިންދާ ޑެޝަޕްރިޔާ ވިދާޅުވީ އިއްޔެ ވޯޓުލުން ކުރިއަށް ދިޔަ އިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އިންތިޚާބުގައި ސިއްހީ ކަންކަން ވަރުގަދަ ކުރަންޖެހުމުން، މި ފަހަރުގެ އިންތިޚާބަށް 10 ބިލިއަން ރުޕީސް (54 މިލިއަން ޑޮލަރު) ޚަރަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.