ލާލޭ އިންޓަނޭޝަނަލް ސްކޫލުން މިިދިޔަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި 28 ދަރިވަރުންނަށް ނަތީޖާ ދޫކުރަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ދަރިވަރުންނަށް ޑީޕީއީ އިން ނަތީޖާ ދޫކުރަން ނިންމީ، އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަނީ އިމްތިހާނު ހެދި ސެންޓަރަކުން ކަމަށް ވާތީ އެވެ. ލާލޭ ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގައި މިހާރު ހިންގަމުން އަންނަނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލެވެ.
"އިމްތިހާނުގެ ނަތީޖާ ދޫކުރަނީ އެ އިމްތިހާނެއް ހެދި ސެންޓަރަކުން. ލާލޭ ސްކޫލު ހިންގި ސްކޫލުގައި އެހެން ސްކޫލެއް ހިންގާތީ، ލާލޭ އިން އިމްތިހާނު ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ހަމަޖައްސާފައިވަނީ ޑީޕީއީ އިން. ދަރިވަރުންނަށް އެކަން އަންގަމުން ދަނީ ވެސް،" އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ސްލިޕް ދޫކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯ ލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވަނީ 7028 ދަރިވަރެކެވެ. އޭގެ ތެރެއިން ކެމްބްރިޖް އިމްތިހާނު 6،291 ދަރިވަރަކު ހަދާފައިވާއިރު، އެސްއެސްސީ އިމްތިހާނުގައި ބައިވެރިވީ 5،677 ދަރިވަރެކެވެ.
.