ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން އިއުލާންކުރުމާ އެކު ދިން ފުރުސަތުގައި ދުވާލަކު އެތަައް ސަތޭކަ ބިދޭސީ މަސައްކަތު މީހުން، އިކޮނޮމިކް މިނިސްޓްރީގެ ކަމާ ބެހޭ ޑިޕާޓްމަންޓް ދޮށުގައި، ކިޔޫ ދަމާލަން ފަށައިފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ނުރައްކާ ބޮޑުވެގެން ސަރުކާރުން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން އެއް އަހަރު ދުވަހަށް މަޑުޖައްސާލުމެވެ. އަދި ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދިނުމެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރު މަރިޔަމް ރިފްގާ ވިދާޅުވީ މިހާތަނަށް 300 އަލުން ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.

މަޖީދީ މަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް، މިދިއަ ބުރާސްފަތިދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ބަންގްލަދޭޝްގެ އެތަައް ސަތޭކަ ބަޔަކު ކިޔު ޖެހެ އެވެ. ކޮންމެ ދުވަހަކު ދޫކުރަނީ 150 ނަންބަރެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދިނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. ގަވައިދުގެ ތެރެއަށް ބިދޭސީން ވަނުމަށް ފަހު، ވަޒީފާއެއް ހޯދަން ހަ މަސް ދުވަސް ދެ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަޅަން އިއުލާންކުރި އާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ މި ގެނައި ބަދަލުތަކާ ގުޅިގެން އިގްތިސާދަށް ގޮންޖެހުންތަކެއް ހުރި ނަމަ އެކަންކަން އަލުން ބައްލަވާނެ ކަމަށެވެ.

އަލުން ރަޖިސްޓްރީވާން ބިދޭސީން މިއަދު ކިޔޫ ހަދާފައި: ސަރުކާރުން ވަނީ ހަ މަސްދުވަހުގެ މުއްދަތެއް ދީފައި
އަލުން ރަޖިސްޓްރީވާން ބިދޭސީން މިއަދު ކިޔޫ ހަދާފައި: ސަރުކާރުން ވަނީ ހަ މަސްދުވަހުގެ މުއްދަތެއް ދީފައި

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސީން އުޅޭ ކަމަށް ލަފާކުރެވެ އެވެ. އެ އެންމެންނަކީ ގާތްގަނޑަކަށް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.