ސަރުކާރު، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާގައި ހުރެ، ނުވަތަ އަމިއްލަ އޮފީހެއްގައި ވިޔަސް އެތަނަކާ ދެކޮޅު ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލަން ކެރެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެ މީހުންގެ ސިޔާސީ ފިކުރު ފާޅުކޮށް، ސިޔާސަތުތަކަށް ފާޅުގައި ހިޔާލު ފާޅުކުރަން އެހާ ބިރު ގަންނަނީ ކީއްވެ ހެއްޔެވެ؟ ކުންފުނި ނުވަތަ އޮފީސްތަކުގައި ކިތަންމެ ނޭދެވޭ ކަމެއް ހިނގިޔަސް އެ ވާހަކަ ދައްކަން އެ ތަންތަނުގެ މުވައްޒަފުން ޖެހިލުން ވަނީ ކީއްވެހެއްޔެވެ؟
ސަބަބަކީ، ބިރެވެ. ވަޒީފާގެ ޔަގީންކަން ކަށަވަރުވެފައި ނެތުމެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ހީތައް ބޮޑުކަމެވެ. އޭގެ ހިތި ތަޖުރިބާތައް އެތައް މުވައްޒަފުންނެއް ކޮށްފި އެވެ. އެކަހަލަ ކިތަންމެ މައްސަލައެއް ޓްރައިބިއުނަލް މަރުހަލާ އާއި ކޯޓު މަރުހަލާތަކުގައި ވެސް އެބައޮތެވެ.
އެކަމަކު، ވަޒީފާ އަކީ ހިޔާލުފާޅު ކުރުމަށް އޮތް ހުރަހެއް ނަމަ އެއީ ޑިމޮކްރަސީއެއް ނޫނެވެ. ވަޒީފާ އަކީ ދިރިއުޅުމުގެ މައި އިންޖީނު ކަމަށް ވާއިރު، އެ އިންޖީނު ހުއްޓުވާލުމަށް ކުރިމަތިވާ ނުރައްކަލަކީ ތިމާ އަދާކުރާ ވަޒީފާ ކަމަށް ވާ ނަމަ އެއީ ދެރަ ކަމެކެވެ. ހިޔާލެއް ފާޅުކޮށްގެން ވަޒީފާ ގެއްލިގެން ނުވާނެ އެވެ. ފާޑެއް ކިޔައިގެން ވެސް ވަޒީފާ ގެއްލިގެން ނުވާނެ އެވެ. އޮފީހެއްގައި ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި ވައްކަމެއް ފަޅާ އަރުވާލައިގެން ވެސް، ނުވަތަ އޮފީހުގައި ހިނގާ ނާޖާއިޒު ކަންކަން ހާމަކޮށްގެން ވެސް ވަޒީފާ އިން ވަތްކެއް ނުކުރެވޭނެ އެވެ. ހިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެކެވެ.
ސިވިލް ސާވިސް އިން ވެސް، އަދި އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ސަބަބަކާ ނުލައި ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް ބަދަލު ދެމުންނެވެ. ސިވިލް ސާވިސް ކޮމިޝަނުގެ 2021 ވަނަ އަހަރުގެ ރިޕޯޓުން އެނގޭ ގޮތުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމުން މުވައްޒަފުންނަށް ބަދަލުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ދޭން ޖެހުނެވެ.
މިއީ ވަކި ސަރުކާރެއް އޮވެގެން ދިމާވާ މައްސަލައެއް ނޫނެވެ. ސިޔާސީ ގޮތުން ބާރު ހުރި މީހުން އެ މީހުންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ނުފޫޒު ފޯރުވުމުގައި އެކި ލެވެލްތަކުގައި މަސައްކަތްކުރުމުގެ އާދަ ވަނީ ވަޒީފާގެ މާހައުލުގައި ހަރުލައި، މޫ ލައިފަ އެވެ. އަދި ހަމަ އެގޮތަށް، އަމިއްލަ ކުންފުނިތަކުގައި ވެސް ހަމަ އެ އާދަ އެބައޮތެވެ.
ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންގެ ޔޫނިއަން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ، އެންމެ ބޮޑު އެއް މައްސަލައަކީ މުވައްޒަފުގެ ހައްގުތަކުގައި ވާކާލާތު ކުރަން އުފައްދާ ޔޫނިއަންތަކުގެ ބާރު ބަޔާންކޮށްފައި އޮންނަ ގާނޫނެއް ނެތުން ކަމަށެވެ. ރާއްޖޭގެ އާ ގާނޫނު އަސާސީއާ އެކު ޔޫނިއަން އުފެއްދުމުގެ ބާރު އޮތް ނަމަވެސް، އެ މީހުންގެ މަސައްކަތް ކުރިއަށް ގެންދޭނެ ޖާގައެއް ނޯވެ އެވެ. އެކަމަށް ހާއްސަ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު އަދި އޮތީ މަޖިލީހުގަ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ 89،000 މީހުން އުޅޭ އިރު، މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށް ބޭނުންވާ ޔޫނިއަންތަކުގެ ބާރެއް ނެތުމަކީ މި ވަގުތު ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.
އެންމެ ގިނައީ މުސާރަ ނުދޭ މައްސަލަ
ރާއްޖޭގައި މުސާރަ ނުދޭ މައްސަލަތައް އެންމެ ގިނައިން ދިމާވަނީ ބިދޭސީ މުވައްޒަފުންނަށެވެ. އެހެން ނަމަވެސް، އަމިއްލަ ބައެއް ކުންފުނިތަކުގައި ދިވެހީންނަށް ވެސް މި މައްސަލަ ކުރިމަތިވެ އެވެ. ހަތަރު މަހުން ފެށިގެން އެކި މުއްދަތުތަކާ ހަމައަށް މުސާރައެއް ދިނުމަކާ ނުލާ މަސައްކަތް ކުރުވާ މުވައްޒަފުން ވެސް އެބަ ތިއްބެވެ.
މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރައްވާ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު އެ އިދާރާ އަށް މުވައްޒަފުންނާ ގުޅޭ 2000 މައްސަލަ ހުށަހެޅުނު ކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރެއިން އެންމެ ގިނައީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތަކާއި މުވައްޒަފުންނަށް އިތުރު އެންގުމަކާ ނުލާ ވަޒީފާއިން ވަކި ކުރާ މައްސަލަތައް ކަމަށެވެ.
ޝުނާނާ ވިދާޅުވީ، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މުސާރަ ނުދިނުމަށް ފަހު، ބައެއް ހާލަތްތަކުގައި އެކަން ބެލޭނެ ގޮތްތައް ވެސް ނޯންނަ ކަމަށެވެ.
"އެއް މަހު ނުދިނަސް ވަރަށް އުނދަގޫވާނެ އެ މީހެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން. ދިވެއްސަކަށް އަދި ބޭރު މީހަކަށް ވިޔަސް. ކުއްޔާ އެއްޗެހި ބަލަހައްޓަން ޖެހޭނެ. ކެޔުމާ އެއްޗެހި، ބިލްތައް ދައްކަން ޖެހޭނެ. އެެހެން ގޮސް ހަ މަސް ވާ އިރު މީހާ ހުންނާނީ [ސުއިސައިޑަލް] ވެފައެއްނު. ހަގީގަތުގައި އެ ހިސާބަށް ގޮސްފަ ހުރީ ދިމާވި ބައެއް މީހުން ވެސް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ނުދޭ 400 އެއްހާ މައްސަލަ އެ އޮފީހުން އެކަނި ވެސް މިހާރު ވަކާލާތު ކުރަމުން އަންނަ ކަމަށެވެ.
ޝުނާނާ ވިދާޅުވީ، މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި ސިޔާސީ ނުފޫޒުގެ ތެރެއިން މުވައްޒަފުން ވަކި ކުރާ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ. އެކަހަލަ މައްސަލަތައް އެންމެ ގިނައީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޮލިޓިކަލް ރީޒަންތަކާ ހެދި ވަކި ކޮށްފައި ހުންނަނީ. އެސްއޯއީތަކުން އެފަދަ ކަންކަން ކޮށްފައި ބޮޑަށް މި ހުންނަނީ. މިހާރު ވަރަށް ގިނަ އެއްވެސް ސަބަބެއް ނެތި ވަކި ކުރާ މީހުން،" އޭނާ ވިދާޅުވި އެވެ.
ބިދޭސީން ގިނަވެ، ދިވެހިންނަށް ވަޒީފާގެ ބިރު!
އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ 70 ޕަސެންޓަކީ ބިދޭސީންނެވެ. ދިވެހި މުވައްޒަފުންގެ ގޮތުގައި އުޅެނީ 30 ޕަސެންޓް މުވައްޒަފުންނެވެ. މި އަދަދުން މި ދައްކުވައިދެނީ، ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހިން މަސައްކަތް ކުރާ އަދަދު މަދުކަމެވެ.
މައުރޫފް ވިދާޅުވީ، މިނިމަން ވޭޖަކީ ހަމައެކަނި ދިވެހިންނަށް އަމަލު ކުރާ އެއްޗަކަށް ހެދުމުން، ދިވެހިންނަށް ރިސޯޓުތަކުން ލިބޭ ފުރުސަތުތައް ކުރިއަށް ވުރެ ވެސް ހަނިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށް ހައްލެއް ނުހޯދައިފި ނަމަ، ކުރިއަށް އޮތްތަނުގައި ރިސޯޓުތަކުގައި ދިވެހިން މަސައްކަތް ކުރަން އިތުރަށް ފަސްޖެހިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ 55 ޕަސެންޓަށް ދިވެހިން ހެދުމަށް، އެކަން ބެލެހެއްޓޭނެ އުސޫލެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލަން ޖެހޭ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން މި ވަގުތު އެކަން އާންމުކޮށްފައިވީ ނަމަވެސް، މުވައްޒަފުންނާ ގުޅޭ ގޮތުން ނެރުނު ސާކިއުލާއަކީ އަމަލުކުރާ، ނުވަތަ ނުބެލެހެއްޓޭ އުސޫލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އާދައިގެ ސާކިއުލާއަކުން ބަޔާންކޮށްފައި އޮންނާތީ އެކަން ނުވަނީ. ޓީމުން މި ގޮވާލަނީ އެއަށްވުރެ ހަރުދަނާ އުސޫލަކުން އެކަން ކަނޑައަޅައި، ވަޒީފާ ދޭ ފަރާތާއި، އަދާކުރާ ފަރާތް އަދި ސަރުކާރުން ގުޅިގެން މި ކަން ކަނޑައަޅައިދިނުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓެވުމަކީ ވެސް ހައްލެއް ހޯދަން ބޭނުންވާ މައްސަލައެއް ކަމަށެވެ. މައުރޫފު ވިދާޅުވީ، ދުނިޔޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީތަކުގައި ތުނބުޅި ބަހައްޓައިގެން ވަކި މިންގަނޑެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އެފަދަ އުސޫލެއް ރާއްޖެ އަށް ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުންގެ ހައްގުތައް ހޯދައިދީ، އިތުރަށް ރަނގަޅު ކުރުމަށް މިނިމަން ވޭޖް ކަނޑައަޅައި، އެއަށް އަމަލު ކުރަން ވަނީ ފަށައިފަ އެވެ. އަދި ސަރުކާރުން އަންނަނީ ސިވިލް ސާވިސްގައި ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އެއް ހަމައަށް ގެނައުމަށްޓަކާއި މަސައްކަތް ފަށައި، މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެހެން ނަމަވެސް، މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ގޮތުން އަދިވެސް ރަނގަޅު ކުރަން އެތައް ކަމެއް އެބަހުއްޓެވެ.
ސިޔާސީ މުވައްޒަފުންގެ ނުފޫޒާއި ބާރުގެ ބޭނުން ކޮށްގެން، މުވައްޒަފުންގެ ޕްރޮމޯޝަން ހިފެހެއްޓުމާއި، ސިޔާސީ ވަކި ފިކުރަކަށް ތާއީދު ކުރުމާ ގުޅިގެން ވަޒީފާއިން ވަކި ކުރުމާއި، އެއްވެސް ސަބަބެއް ދެއްކުމަކާ ނުލައި ވަޒީފާތަކުން މުވައްޒަފުން ވަކި ކުރުމުގެ މައްސަލަތައް މަދެއް ނޫނެވެ މިކަން ހައްލު ކުރެވޭނީ، މުނި ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެނެސްގެންނެވެ.