ކޮވިޑް-19 އާ ގުޅިގެން ރަށްރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ލ. ކުނަހަންދު އަށް ސިއްރުން އެރި ތިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދޭން އެޅި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އަތޮޅު ތެރޭގެ ރަށްރަށަށް ދަތުރު ކުރުން މަނާ ކުރުމުގެ އިތުރުން މާލެ ވެސް ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ.
ފުލުހުން ބުނީ ލ. މާމެންދު އިން އެ އަތޮޅު ކުނަހަންދުއަށް ހުއްދަ ނެތި ރޭ ދަންވަރު ބަޔަކު އަރައި، އެ ރަށު ތެރޭގައި އުޅެނިކޮށް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެއް ކަމަށާއި އެ މީހުން އެ ރަށަށް ދިޔައީ ކަނދުފައްޗެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ތިން މީހުން ވެސް 15 ދުވަހަށް ބަންދުގައި ބަހައްޓަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެ ތިން މީހުން ރަށަށް އެރި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހުއްދަ ނެތި އެހެން ރަށްރަށަށް އެރުމުގެ މައްސަލަތަކުގައި އެހެން ރަށްރަށުން މީގެ ކުރިން ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 527 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.