މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައި ލ. ކައްދޫ އެއާޕޯޓް ހިންގާތީ އެ ސަރަހައްދުގެ ބައެއް ރަށްތަކުގެ ރައްޔިތުންނަށް ފައިދާ ނުވާ ކަމުގެ ކަންބޮޑުވުންތަކާ އެކު އިތުރު އެއާޕޯޓެއް އެޅުމުގެ ދިރާސާއެއް ހަދަން ހިތަދޫ ކައުންސިލުން އިއުލާންކޮށްފި އެވެ.

ހިތަދޫ ކައުންސިލުން ވިސްނުން ގެންގުޅެނީ މެންދޫގައި އެއާޕޯޓް އަޅާށެވެ. އެ ރަށް މިހާރު އޮތީ ދަނޑުވެރިކަމަށް އަމިއްލަ ފަރާތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފަ އެވެ.

ކައުންސިލްގެ ރައީސް އިބްރާހިމް ޝައްމޫން ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުން ބާރުތަކާ އެކު އެއާޕޯޓް އަޅަން ވިސްނީ އެއީ ކައުންސިލަށް ކުރެވެން އޮތް ކަމަކަށް ވާތީ އެވެ. އެހެންވެ ފުރަތަމަ ހުޅުވާލީ ސްވޮޓް އެނަލިސިސްއެއް ހެދުމަށެވެ.

"ކައުންސިލްގެ ޕްލޭނެއް، މިއުޅެނީ ކުރެވިދާނެ ކަމެއްތޯ ބަލަން،" ޝައްމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެންދޫގައި އެއާޕޯޓެއް އޮތުމުގެ ފައިދާ، ހިތަދު އާއި ކުނަހަންދު އާއި މާމެންދޫގެ އިތުރުން ކައިރި ދެ ރިސޯޓް ކަމަށްވާ ސިކްސެންސަސް އާއި ރަހާ ރިސޯޓަށް ވެސް ކުރާނެ އެވެ. އިތުރު އެއާޕޯޓެއް އެޅުމަކީ އެ ރަށްތަކުގެ ރައްޔިތުން އެދޭ ކަމެއް ކަމަށް ހިތަދޫ ކައުންސިލުން ބުންޏެވެ.

ޝައްމޫން އިޝާރާތް ކުރެއްވި ރަށްތަކުން ކައްދުއަށް ލޯންޗުގައި ގާތްގަނޑަކަށް 20-30 މިނެޓުން ދެވެ އެވެ.

Unsupported block type: google_map

އެހެންވިޔަސް މައްސަލައަކީ، ޝައްމޫން ވިދާޅުވި ގޮތުގައި، ކައްދޫގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމެވެ. އެތަނަށް އެހާ ޒަމާންވާ އިރު ވެސް ތަރައްގީ ވެސް ނުވާ ކަމަށާއި އެކަމުގައި ސިފައިންގެ ކުންފުންޏާ މަޝްވަރާ ނުކުރެވޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"އެތަން އެ ހިންގަނީ މިލިޓަރީ އެއާ ބޭހެއްގެ ގޮތުގައި، އެއީ މި ސަރަހައްދަށް ޓޫރިސްޓުން އަންނަން ގޮންޖެހުމެއް. ކުރިއެރުމެއް ނުލިބޭ. އެއާޕޯޓަށް ދާ މީހުން ބަނދަރު ތެރޭގައި ތިބެނީ ޝަހާދަތް ކިޔާލަ ކިޔާލައި ގަދަކަމުން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފީސިބިލީޓީއެއް ހަދަން ހުޅުވާލި އިއުލާނުގައި ވެސް އޮންނާނެ ޑޮމެސްޓިކް އެއާޕޯޓެކޭ އަޅަން ބޭނުންވެގެން މިއުޅެނީ،" ޝައްމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ ވިސްނުމަކީ މައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ އެއް ވިސްނުމެއް ގެންގުޅުން ކަމަށެވެ. އެހެންކަމުން، ކައުންސިލްތަކަށް ވެސް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭނަކީ ކޯޒްވޭއަކުން މެންދު އާއި ކުނަހަންދޫ އަދި ހިތަދު އާއި ކަލައިދޫ ގުޅުވާލުމެވެ. މިކަމުގެ އިގްތިސާދީ ފައިދާ އޮތީ ވެސް އެއާޕޯޓެއް ތަރައްގީކޮށްގެން ކަމަށް ހިތަދޫ ކައުންސިލުން ދެކެ އެވެ.

ޝައްމޫން ވިދާޅުވި ގޮތުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުމާ އެކު މަސައްކަތް ފަށައި އިއުލާންކުރީ ސަރުކާރާ މަޝްވަރާކޮށްފައެއް ނޫނެވެ. އެކަމަކު ސުވޮޓް ސްޓަޑީއަށް ފަހު ސަރުކާރާ މަޝްވަރާކުރާނެ ކަމަށް ވިދާޅުވި އެވެ.

ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅަން ކައުންސިލުން ބޭނުންވާ އިރު ސަރުކާރުން ވަނީ ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކުރަން ހުޅުވާލައިފަ އެވެ. އެއީ މަކުނުދު އާއި ބިލެއްފައްސާއި ތުޅާދު އާއި ވިލިފުއްޓާއި މަގޫދޫގެ އިތުރުން ރ. އަތޮޅު ދެކުނު ބިތެވެ.