ލ. އަތޮޅުގައި ދެ ވަނަ އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ، ޕީއެންސީގެ ޑރ. މުހަންމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެކެވެ. މިދިޔަ ހަފްތާގައި ހިތަދުއަށް ވަޑައިގެން ރައީސް ވަނީ އެއާޕޯޓު އަޅާނީ ހިތަދޫއާ ކުނަހަންދޫ އަދި މާވަށާ އެއް ފަޅެއްގައި އޮންނަ މެންދޫގައި ކަމަށް ވިދާޅުވެފަ އެވެ. އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އޮންނަ މާވަށަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އެއާޕޯޓު އަޅުއްވާނީ އެ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް ވަކި ތަނެއް ނުނިންމަވަ އެވެ.
ލ. ހިތަދޫ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދެ ވަނަ އެއާޕޯޓެއްގެ ޑިމާންޑު ވަރަށް މަތިވެފައިވާ ކަމަށާއި ތިން ރަށަކުން އެ ރިކުއެސްޓު އައިސްފައިވާ ނަމަވެސް ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ބޮޑު ނިންމުމެއް، އަދި އިންވެސްޓެއް ކުރުމުގައި އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބަލައި ދިރާސާކުރަން ޖެހޭ ކަމަށެވެ. އަދި އޭނާއަކީ ވޯޓު ހޯދުމުގެ ނިޔަތުގައި ދެކޮޅު ނުޖެހޭ ވައުދުތައް ވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ސައިންޓިފިކަލީ އަދި ޓެކްނިކަލީ ބަލަން. މި ރިކުއެސްޓު އައި ތިން ސަރަހައްދު ވެސް ވަރަށް ރަނގަޅަށް ބަލާނަން. ގިނަ ރައްޔިތުންނަށް ފައިދާވާ ގިނަ ރައްޔިތުން އެދޭ ގޮތަށް ނޫނީ ކަންކަން ނުކުރަން. ނިންމާނީ އެންމެ ރަނގަޅަށް،" މުއިއްޒު ވިދާޅުވި އެވެ.
މެންދޫގައި އެއާޕޯޓް އަޅަން ވައުދުވެވަޑައިނުގެންނެވި ނަމަވެސް، މި ރަށުގެ ރައްޔިތުން ޕޮޒިޓިވްކޮށް ވިސްނަން މުއިއްޒު އެދިވަޑައިގަތެވެ.
މިއަދު ހެނދުނު މުއިއްޒު ހިތަދުއަށް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް އެ ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެކަމަށް ޑިމާންޑުކުރާ ޕޯސްޓަރުތަކާއެކު އަޑު އުފުލައިފަ އެވެ. ޒުވާނުންގެ ތެރެއިން އިސްކޮށް ވާހަކަ ދެއްކި އަލީ އާސިފް ބުނީ މި ޒުވާނުންނަކީ ވަކި ކުލައެއްގައި ޖެހިގެން އަޑު އުފުލާ ބައެއް ނޫން ކަމަށާއި ބޭނުން ވަނީ ކޮންމެ ކެންޑިޑޭޓަކު ވެސް އެއާޕޯޓުގެ ވައުދު މެންދޫގައި ފުއްދެވުން ކަމަށެވެ.
އޭނާ ބުނީ މި ތިން ރަށާއި ކައިރީގައި އޮތް އަތޮޅުގައި އޮތް ހަމައެކަނި ދެ ރިސޯޓަށް ބެލިނަމަވެސް އެންމެ ފައިދާ ވާނެ ގޮތް ކަމަށެވެ.
"ފަސް ހާސް މީހުން ދިރިއުޅޭ އާބާދީއެއް މިއީ. މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަންގައިދޭން ބޭނުމީ ކޮންމެ ކެންޑިޑޭޓަކަށް ވެސް މިއީ ކިހާ މުހިންމު ކަމެއްކަން،" އޭނާ ބުންޏެވެ.
މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ސްވޮޓް އެނަލިސިސްއެއް މީގެ ކުރިން އަމިއްލައަށް އިސްނަގައިގެން މި ރަށާއި ކުނަހަންދު އާއި މާމެންދޫ ކައުންސިލުން ވަނީ ހަދައިފަ އެވެ. އެ ވާހަކަ ވެސް ޒުވާނުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ. އެ މީހުން ބުނި ގޮތުގައި ދެން އެ މަސައްކަތް މެންދޫގައި ކުރަން އެދެނީ އެކަމަށް ހަދާފައިވާ އެނަލަސިސްތަކުގެ އަލީގަ އެވެ.
ހިތަދު އަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރެއްވުމަށްފަހު، ޕީޕީއެމް ޖަގަހައަށް ހިންގަވައި ވަޑައިގެންނެވިއިރު ކައުންސިލް އޮފީސް ކައިރީގައި މި ޒުވާނުން ވަނީ އަޑުއުފުލައިފަ އެވެ. އަދި މުއިއްޒު ވަނީ ޒުވާނުން ކައިރިއަށް ވަޑައިގެން އެ އަޑު އައްސަވައިފަ އެވެ.
މެންދޫގައި އެއާޕޯޓު އަޅަން މި ތިން ރަށުގެ ރައްޔިތުން އެދޭއިރު އެތަން އޮތީ ދަނޑުވެރިކަން ކުރުމަށް ބަޔަކަށް ދޫކޮށްފަ އެވެ.
ލ. ކައްދޫގައި މިވަގުތު އޮތް ހަމައެކަނި އެއާޕޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓެވެ. ހިތަދޫއިން ކައްދޫއަށް 20 ވަރަކަށް މިނެޓުން ދެވޭއިރު، މާވަށުން ދެވެނީ 40 ވަރަކަށް މިނެޓުންނެވެ. މާވަށު ރައްޔިތުންގެ ކަންބޮޑުވުމަކީ ކައްދޫ އެއާޕޯޓު ދުރުވެފައި ދަތުރު އަގުބޮޑުވުމެވެ.