ލ. ދަނބިދޫ ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރަން އެ ސްކޫލުގެ ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކުރާތާ ތިން ދުވަސް ވެއްޖެ އެވެ.

އެ ސްކޫލުގެ ބެލެނިވެރިން މިދިޔަ އަންގާރަ ދުވަހު ސްކޫލު ދޮށަށް ނިކުމެ ކިޔަވައިދިނުން ހުއްޓުވާލައި، ސްކޫލު ބަންދުކޮށް، އިހުތިޖާޖު ކުރަން ފެށީ ޓީޗަރުން ހަމަނުކޮށް މި ޓާމުގެ ކިޔެވުން ފެށުމުންނެވެ. އަދި ކްލާސްރޫމުތައް ބާވެ، ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުންނެވެ.

ދަނބިދޫ ސްކޫލުގެ ބެލެނިވެރިން ވިއްސާރާގައި އިހުތިޖާޖުގައި.-- ފޮޓޯ: ކައުންސިލް
ދަނބިދޫ ސްކޫލުގެ ބެލެނިވެރިން ވިއްސާރާގައި އިހުތިޖާޖުގައި.-- ފޮޓޯ: ކައުންސިލް

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވީ އިއްޔެ އެ ސްކޫލަށް، އިހައްދޫ ސްކޫލުން ވަގުތީ ޓީޗަރެއް ގެންގޮސްފައިވާ ކަމަށެވެ.

"އެ ޓީޗަރު ދެ މާއްދާ [އިކޮނޮމިކްސް އަދި ބިޒްނަސް] ކިޔަވައިދޭ ގޮތަށް ގެނައީ، ވަގުތީ ގޮތުން. ދާއިމީ ޓީޗަރެއް ހޮނިހިރު ދުވަހު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވަނީ. އެކަމަކު މިހާރު އިހުތިޖާޖު ކުރަނީ ޕްރިންސިޕަލް ވަކިކުރަން،" ފަޒީލް ވިދާޅުވި އެވެ.

ދަނބިދޫ ބެލެނިވެރިން އިއްޔެ ސްކޫލު ކައިރީ މުޒާހަރާ ކުރަނީ.-- ފޮޓޯ: ކައުންސިލް
ދަނބިދޫ ބެލެނިވެރިން އިއްޔެ ސްކޫލު ކައިރީ މުޒާހަރާ ކުރަނީ.-- ފޮޓޯ: ކައުންސިލް

ސަބަބަކީ، ސްކޫލު މަރާމާތުކުރަން ފާއިތުވި ތިން އަހަރު ބަޖެޓު ހަމަޖެއްސިއަސް އެކަން ކުރެވިފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ބެލެނިވެރިންގެ ޑިމާންޑަކީ ޕްރިންސިޕަލް އިސްތިއުފާ ދިނުން. އެއީ މި ހުރިހާ ދުވަހު އޭނަ ހުރެގެން އެެއްވެސް ކަމެއް ރަނގަޅު ނުވެ، ކަންކަން ގޯހުން ދިޔައީމަ،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސްކޫލުގެ އިމާރާތް ހުރީ ވަރަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފަ އެވެ.

ދަނބިދޫ ސްކޫލުގައި ހުންނަނީ އެ ރަށު ޕްރިންސިޕަލެކެވެ. އޭނާ އެ މަގާމުގައި ހުންނަވާތާ ހަ އަހަރު ވެއްޖެ އެވެ. މިދިޔަ އަހަރު އެ ސްކޫލުގެ ބެލެނިވެރިން، އެ ޕްރިންސިޕަލް ވަކި ކުރުމަށް ޕެޓިޝަނެއް ވެސް ސްކޫލަށް ހުށަހެޅި އެވެ.

ނަމަވެސް އެކަމުން އެއްވެސް ފައިދާއެެއް ނުވި ކަމަށް ފަޒީލް ވިދާޅުވި އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް "މިހާރު" އަށް ވިދާޅުވީ ޓީޗަރުން ހަމަވެ، ސްކޫލުގެ ކިޔެވުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އޭނާ ވާހަކައެއް ނުދެއްކި އެވެ.