ލ. ދަނބިދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއް ފަރަށް އަރައިފި އެވެ.
ދަނބިދޫ ކައުންސިލުން ބުނީ ލ.ބެންމާފުށި ފަރަށް ބޯޓު އެރީ ރޭ ފަތިހު ކަމަށެވެ. ބޯޓުގައި ހުރި މުދާތައް ސަލާމަތްކުރުމުގެ މަސައްކަތް ދަނބިދޫ ރައްޔިތުންގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ބޯޓަކީ އާންމުކޮށް ވިޔަފާރި މުދާ އުފުލާ ބޯޓެއް ކަމަށެވެ. އޭނާ ބުނީ ބޯޓުގައި މަސައްކަތްކުރަނީ ތިން މީހުން ކަމަށާއި މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
ބޯޓުގައި ހުރީ ކިހާ މުދަލެއް ކަމެއް އަދި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓު ވެސް ރޭ ފަރަށް އަރައިގެން އެ ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނ. ދެކެނަންފަރަށް އެ ބޯޓު އެރިއިރު އޭގައި 52 ފަސިންޖަރުން ތިއްބެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ.