ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ އިތުރު ފައިނޭންސްގެ ގޮތުގއި ކުވައިތު ފަންޑުން 15 މިލިއަން ކުވައިތު ދީނާރު (50 މިލިއަން ޑޮލަރު، 770 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ހޯދައިފި އެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރަތުން މިއަދު ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް ފޯ އެޑްމިން އެންޑް ފައިނޭންސް އެފެއާޒް، ނަދާލް އޭ އަލް-އޮލާޔަން އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުކުރަން ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ.
އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމެއް، ޕެސެންޖާ ޓާމިނަލް، ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްއެއް ހަދާނެ އެވެ.
މީގެ ތެރެއިން ވީއައިއޭގައި 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ނިންމައިފަ އެވެ. އަދި ފިއުލް ފާމާއި ސީ ޕްލޭން ޓާމިނަލް އާއި އާ ޓާމިނަލް އާއި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރަނީ ސައުދީ ފަންޑުން 357 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ހޭދަކޮށްގެންނެވެ.
އެއާޕޯޓު ޕްރޮޖެކްޓަށް ކުވައިތު ފަންޑުން މީގެ ކުރިން 2016 ވަނަ އަހަރު ވެސް 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފައިވެ އެވެ.