މިދިޔަ ސަރުކާރުގައި 30 އެނދުގެ ހަތް ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ހުއްޓާލާފައި ވާތީ، އެ ފަންޑު އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު މިނިސްޓަރު ހާޒިރުވެވަޑައިގެންނެވިއިރު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު ވަނީ އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުން ހުއްޓިފައިވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ވެލިދޫ ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑުން ހަމަޖެއްސި ފައިސާ ވަނީ ދިމާވި މައްސަލަތަކާ ހެދި ހުއްޓިފައި ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލަތަކެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އެ ފަންޑު ހުއްޓުމުން ކުރީގެ ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ކަމަށާއި ނަމަވެސް، މި އަހަރުގެ ބަޖެޓްގައި އެކަމަށް އެކަށީގެންވާ ފައިސާ ހިމަނާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ކުވެއިތު ފަންޑުން އެ ފައިސާ އެ ފަންޑިން އަނބުރާ އަޅުގަނޑުމެންނަށް ހޯދޭތޯ. ނޫނީ އެހެން ސޯސްއެއް މެދުވެރިކޮށް ނަމަވެސް އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން އެބަ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވެސް ވަނީ އެ ރަށުގައި އަޅަން ނިންމި ހޮސްޕިޓަލާ ގުޅޭ ގޮތުން ވެސް ސުވާލު ކުރައްވައިފަ އެވެ. އެ ހޮސްޕިޓަލް އަޅަން ސައިޓް ސާފުކޮށް އެހެން ބައެއް މަސައްކަތްތައް ވެސް ކުރި ކަމަށާއި ނަމަވެސް، މިހާރުން ކޮންޓްރެކްޓަރު ވެސް ރަށުން ފައިބައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތް ވެސް ހުއްޓުނީ ކުވެއިތު ފަންޑުން ދިން ފައިސާ އަނބުރާ ގެންދިޔުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.
"އެ ހޮސްޕިޓަލަކީ ވެސް ކުވެއިތު ފަންޑުގެ ދަށުން ކުރިއަށް ގެންދަން އޮތް މަޝްރޫއުއެއް ނަމަވެސް ކުވެއިތު ފަންޑު އަނބުރާ ގެންދިޔުމުގެ ސަބަބުން ނުވަތަ ހުއްޓާލުމުގެ ސަބަބުން ކުރިއަށް ނުގެންދެވި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިދިޔަ ސަރުކާރުން ކުވެއިތު ފަންޑުން ދިން ފައިސާ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ދިޔުމުގެ ސަބަބުން ކުވެއިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔަ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ގާތްގަނޑަކަށް 680 މިލިއަން ރުފިޔާ އަށް ހިންގަން ނިމި އެ މަޝްރޫއު އެހާ ބޮޑަށް ލަސްވީ، ކުވައިތުގެ ދާހިލީ އަދި ސިޔާސީ ނުތަވަސްކަން އެ ދުވަސްވަރު ވަރަށް ބޮޑުވެފައި އޮތުމުން ކަމަށެވެ. އޭގެ އަސަރު ކުވައިތު ފަންޑަށް ވެސް ކުރި ކަމަށާއި އެ ފަންޑު ހިންގާ މެނޭޖްމެންޓްގެ އިސްފަރާތްތައް ބަދަލުވެ، ލޯނު ދިނުމާ ގުޅޭ ގޮތުން ބޯޑުން ގޮތެއް ނުނިމި އޮތީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ނުދޭން އެ ފަންޑުން އެއްވެސް ގޮތަކަށް ނުނިންމާ ކަމަށް އަމީރު ވިދާޅުވި އެވެ. އެންމެ ފަހުން ވެސް ކުވައިތު ފަންޑުން ވަނީ ފަންޑު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.