ރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ފެށި 18 ވަނަ ސާކު ޕޭމެންޓްސް ކައުންސިލް މީޓިން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ ޕޭމަންޓް ސިސްޓަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަގުސަދަކީ ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ފަދަ އީޖާދީ އަދި ޒަމާނީ ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުން ކަމަށެވެ.
ގަވަރުނަރު އެހެން ވިދާޅުވިއިރު، ރާއްޖޭގައި މިހާރު ވެސް ބޭންކް އޮފް މޯލްޑިވްސް އިން މޮބައިލް ފޯނުން ފައިސާ ދެއްކޭ ހިދުމަތާއެކު ކާޑު ޕޭމަންޓް ސިސްޓަމް ތައާރަފްކޮށްފައިވެ އެވެ. އަދި ދިރާގާއި އުރީދޫން ވެސް މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ދެއްކޭ ހިދުމަތް ތައާރަފްކޮށްފައިވެ އެވެ. އޭގެ އިތުރުން އިސްލާމިކް ބޭންކުން ވެސް މޮބައިލް އެޕްލިކޭޝަނަކާ އެކު ކާޑުގެ ހިދުމަތް ދެމުން ގެންދެ އެވެ. ނަމަވެސް ރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެންނަ އިންގިލާބީ ބަދަލުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
"ތަރައްގީވެފައި އަދި ތަރައްގީވަމުން އަންނަ ގައުމުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގެ އިގްތިސާދު އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން. މި ކުރިއެރުންތަކުގެ ސަބަބުން ގައުމުތަކުގެ އެތެރޭގައި އަދި އެކި ގައުމުތަކުގެ މެދުގައި ހިންގާ މުއާމަލާތްތައް އަންނަނީ އިތުރުވަމުން. މި ސަބަބުތަކާ ހެދި ޕޭމެންޓް ސިސްޓަމަކީ ޒަމާނީ އަދި ހަރުދަނާ ޕޭމެންޓް ސިސްޓަމަކަށް ހެދުމުގެ ފުރުސަތު އެބަ އޮތް. އަދި އެފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމުވެގެން ދިއުމަކީ މުހިއްމު ކަމެއް،" ނަސީރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ސާކުގެ މަރުކަޒީ ބޭންކުތަކުގެ އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ސާކުގެ ގައުމުތަކުގައި ގައުމީ ޕޭމަންޓް ސިސްޓަމްތައް ގާއިމުކުރުމުގައި އީޖާދީ ވިސްނުން ގެންގުޅެން އެހީތެރިވެދޭނެ ކަމަށެވެ. އަދި ރާއްޖޭގައި ވެސް ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރަން ކުރަމުން އަންނަ މަސައްކަތުގައި ސާކުގެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ފަންނީ އެހީތެރިކަން ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ސާކު ގައުމުތަކުގެ މެދުގައި ހިންގާ މުއާމަލާތްތައް ވީހާ ވެސް ފަސޭހަކަމާ އެކު ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް ފާއިތުވި އަހަރުތަކުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން އާ ފުރުސަތުތައް އުފެދެމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ އެ ފަދަ އާ ނިޒާމުތަކުގެ ސަބަބުން ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް އިތުރުވެ، ވިޔަފާރީގެ ވާދަވެރިކަމާއި މާލީ މުއާމަލާތްތައް ވެސް އިތުރުވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބުޓާން، ނޭޕާލް، ޕާކިސްތާން، ސްރީ ލަންކާ އަދި ރާއްޖޭގެ ފަރާތުން ވަފުދުތައް ބައިވެރިވި އެވެ.
ސާކު ޕޭމަންޓް ކައުންސިލްގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ ޕޭމެންޓްސް ސިސްޓަމްތައް ތަރައްގީކޮށް ހަރުދަނާކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރުމެވެ.