މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ސާފުކުރި ނަތީޖާއަށް ބަލާއިރު ދެ ކައުންސިލެއްގައި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެ ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައިވާ ގޮތުން، އެ ކައުންސިލަކަށް އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާ ނަމަ ދެ ވަނަ ބުރަކަށް ދާން ޖެހޭނެ އެވެ. އަދި މި ބުރުގައި ވޯޓު ނަގާނީ ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ށ. ކޮމަންޑޫގެ ދެ ކެންޑިޑޭޓެއްގެ ވޯޓު އަދި ހދ. ކުރިނބީގެ ތިން ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެފައިވާ ކަމަށެވެ. އެހެންވެ ދެ ވަނަ ބުރަށް ވޯޓު ލާންޖެހޭ ކަމަށާއި ދެ ވަނަ ބުރުގެ ވޯޓު ނެގުން އޮންނާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ.

އިންތިހާބު ބޭއްވިތާ ހަފުތާއެއް ވީއިރު އަދިވެސް އިންތިހާބުގެ ނަތީޖާތައް އިއުލާނުކޮށެއް ނުނިމެ އެވެ. ގާނޫނުގައި ބުނާ ގޮތުން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހޭނީ، އިންތިހާބު ބާއްވާތާ 14 ދުވަހުގެ ތެރޭގަ އެވެ. ވޯޓު އެއްވަރުވެ ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ރަސްމީ ނަތީޖާ އިއުލާނުކުރާތާ، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ދެ ވަނަ ބުރުގެ ވޯޓު ނެގުން ބާއްވަން ޖެހޭނެ އެވެ.

ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވި ކޮމަންޑޫގައި ތިން ކައުންސިލަރުން އިންތިހާބު ކުރަންޖެހެ އެވެ. ދެ ވަނަ ބުރަކަށް ވޯޓު ލާންޖެހެނީ ތިން ވަނަ ކައުންސިލަރު ހޮވުމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކޮމަންޑޫ ކައުންސިލްގެ ދެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޝުޖުއާން އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި މުހައްމަދު މުފީދެވެ. ޝުޖުއާނަށް 568 ވޯޓު ލިބުނުއިރު މުފީދަށް ލިބުނީ 556 ވޯޓެވެ. ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލި ދެ ކެންޑިޑޭޓުންނަށެވެ. އެ ދެ ކެންޑިޑޭޓުންނަށް ވެސް ލިބުނީ 518 ވޯޓެވެ.

ކުރިނބީ ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރާއިރު، ގޮނޑި ލިބުނުކަން ކަށަވަރުވެފައި ވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓަށެވެ. އަބްދުލް ފައްތާހު އަބޫބަކުރަށް 242 ވޯޓު ލިބުނުއިރު ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ މުހައްމަދު އަފްރާހަށެވެ. އޭނާއަށް ލިބިފައިވަނީ 229 ވޯޓެވެ. އެ ރަށު ކައުންސިލަށް އެމްޑީޕީން ކުރިމަތިލި އަހުމަދު މުޖުތަބާ އާއި އިސްމާއިލް ޝަހީމް އަދި ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލި އިސްމާއިލް އާސިފަށް، ކޮންމެ ކެންޑިޑޭޓަކަށް 218 ވޯޓު ލިބިފައިވެ އެވެ.