ކޮވިޑް-19ގެ ރާއްޖޭގެ ފުރަތަމަ ކޭސްގެ މައުލޫމާތު ކުރެއްދޫ އައިލެންޑް ރިސޯޓުން ކަމާ ބެހޭ އިދާރާތަކަށް ނުދިން މައްސަލައިގައި އެ ރިސޯޓާ ދެކޮޅަށް ދައުވާ ނުކުރަން މިދިޔަ މަހު ނިންމީ، ޖިނާއީ ދައުވާއެއް ކުރެވޭ ވަރުގެ ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ ދުވަސްވަރު ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި މައްސަލާގައި ދައުވާ ނުކުރަން ނިންމިކަން ޕީޖީ އޮފީހުން ހާމަކުރީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓެއްގަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ އެޗްޕީއޭ އިން ރިސޯޓްތަކަށް ގަވާއިދުން ފޮނުވަން ޖެހޭ މައުލޫމާތު އެކަމަށް ކަނޑައަޅާފައިވާ ވަގުތުގައި ފޮނުވިކަން ނުވަތަ ނޫންކަން ތަހުގީގުން ސާފުނުވާ ކަމަށެވެ. އޭގެ އިތުރުން ކަމާ ބެހޭ އެހެން ބައެއް ކަންކަން ވެސް ތަހުގީގުން ސާފުނުވާ ކަމަށް ޕީޖީ އޮފީހުގެ ރިޕޯޓުގައި ބުންޏެވެ.
"...ޅ. ކުރެއްދޫ ރިސޯޓްގައި ކޮވިޑް-19އަށް ޝައްކުކުރެވުނު މީހާގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރުމަށް 10 މާރިޗު 2020 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަމުރުކޮށްފައި ވާނެ އެވެ. މި މައްސަލަ ތަހުގީގުކުރުމަށް ފަހު މި އޮފީހަށް ހުށަހެޅުމުން، މި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ 1 ޑިސެމްބަރު 2020 ވަނަ ދުވަހު، ދައުވާނުކުރުމަށް ވާނީ ނިންމައިފަ އެވެ،" ޕީޖީ އޮފީހުގެ ރިޕޯޓުގައިވެ އެވެ.
ރާއްޖޭގެ ފުރަތަމަ ކޮވިޑް ކޭސް ކަމަށް ބެލެވުނު އިޓަލީ ޓޫރިސްޓްގެ ގައިން ބަލީގެ އަލާމާތްތައް ފެނުނީ، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިރު އެވެ. އޭނާ އެކަހެރިކޮށްގެން ވެސް ރިސޯޓްގައި ގެންގުޅުނެވެ. އެކަމަކު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޗުއްޓީ ނިންމައި އޭނާ އެނބުރި އިޓަލީ އަށް ދިއުމުންނެވެ.
އޭނާ ވަނީ ބަލި ހާލަތުގައި މާލޭގެ ބައެއް ތަންތަނަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އަދި އެއާޕޯޓްގައި އަނބުރައިގަނެގެން ވެސް އޭނާ ވެއްޓުނެވެ. ފުރަތަމަ ފުރަން އޮތް ބޯޓުން އޭނާ އަށް ނުފުރުނީ، އެހެން ދަތުރުވެރިން މައްސަލަ ޖެއްސުމުން، ބޯޓުން ބާލަން ޖެހުމުންނެވެ. ދެން އޭނާ ބެހެއްޓީ މާލޭގެ މާގިރި ހޮޓަލުގަ އެވެ.
އޭނާ ފުރީ އެމިރޭޓްސް އެއާލައިނުން ޓިކެޓް ނަގައިގެންނެވެ.
އޭރު ތުުހުމަތު ކުރެވުނު ގޮތުގައި އޭނާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނުމުން ކުރެއްދޫގެ މެނޭޖްމަންޓުން އެކަން ގަސްދުގައި ސިއްރުކުރީ އެވެ. އެ މައްސަލަ ތަހުގީގުކުރަން އެންގީ ކުރެއްދޫން ކަންތައް ކުރި ގޮތާ މެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.
ބަލީގެ އަލާމަތްތައް ހުރި މީހަކު، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައި، ދޫކޮށްލި މައްސަލާގައި އޭރު ކުރެއްދުއަށް ތުހުމަތެއް ފުލުހުން ކުރި އެވެ. އެ ތުހުމަތުތަކާ އެކު މައްސަލަތަހު ތަހުގީގުކުރަން ފުލުހުންގެ ޓީމަކުން ކުރެއްދު އަށް ވެސް ދިޔަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ބިދޭސީ އިސް ވެރިޔަކު އެ މައްސަލާގައި ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.