ކޮވިޑް-19 އަށް ކުރަމަތި ރިސޯޓުން ޕޮޒިޓިވްވި ޓޫރިސްޓަކާ 'ކްލޯޒް ކޮންޓެކްޓް' ވި ދިވެއްސެއް ޓެސްޓުކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި ޓްވީޓެއްގައި ބުނީ ބައްޔަށް ޕޮޒިޓިވްވި ޓޫރިސްޓަކާ ކްލޯޒް ކޮންޓެކްޓެއް ވެފައިވާ މީހެއް، ރައްކާތެރިވުމުގެ ގޮތުން ޓެސްޓުކުރަމުން އަންނަ ކަމަށެވެ. ނަތީޖާ ލިބެންދެން އޭނާ ހުރީ ގޭގައި އެކަހެރިކޮށްފައި ކަމަށް ބުންޏެވެ.

ރާއްޖެ އިން ވެސް ކޮވިޑް-19 ބަލި ޖެހިފައިވާ އަށް މީހަކު މިދިޔަ ހޮނިހިރު ދުވަހުގެ ރެ އިން ފެށިގެން މިހާތަނަށް ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ޓޫރިސްޓް ދެމަފިރިއަކާއި ކުރަމަތި އައިލެންޑް ރިސޯޓަށް އައިސް ތިބި ޓޫރިސްޓް ދެމަފިރި އެކެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބައްޔެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާނުކުރުމުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިއްޔެ އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރައްވައިފަ އެވެ. އެއާއެކު، އާންމުން އެއް ތަނަކަށް އެއްވުމަށް މަގުފަހިވާ ކަންކަން ދަނީ ކެންސަލް ކުރަމުންނެވެ. ޚާއްސަކޮށް އަންނަ މަހުގެ ހަތަރެއްގައި ބާއްވަން ކުރިން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެ މަހުގެ 18 އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަސްކޮށްފަ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ވަނީ، ފުރަތަމަ ޓާމުގެ ޗުއްޓީ އަށް ފަހު ސްކޫލްތައް ހުޅުވުން އެއް ހަފުތާ އަށް ފަސްކޮށްފަ އެވެ.