ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ހާލު ސީރިއަސްވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
ރުކެއް ސާފުކުރަން އަރައިގެން އުޅެނިކޮށް ވެއްޓިގެން އަނިޔާވީ ހދ. ނޭކުރަންދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފިރިހެނަކަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަސްޓަމާ ސާވިސް އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރު މުހައްމަދު ހުސެއިން "މިހާރު" އަށް ވިދާޅުވީ އެ މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު ހަވީރު 3:15 ހާއިރު ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެނައިއިރު ވެސް ވިންދު ނެތް ކަމަށާއި އެހެންވެ، ސީޕީއާރުދީ ވެންޓިލޭޓަރަށް މިހާރު ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހާގެ ހާލަތު މިވަގުތު ވެސް ކްރިޓިކަލް ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލުން އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ވެސް ވާހަކަ ދައްކާފައި ކަމަށާއި އެކަމަކު އެމީހާ މިވަގުތު އޮތީ މާލެއަށް ގެންދެވޭ ވަރަށް ވުރެ ހާލު ދެރަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށި ހިރަފުސް ދަނޑުގެ އިރުމަތީ ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އެމީހާ ވެއްޓުނީ 60 އަކަށް ފޫޓު ހުރި ރުހަކުން ކަމަށްވެ އެވެ.