ރާއްޖޭގައި ހިންގާ ގުރުއާން ކުލާސްތަކާއި މިސްކިތްތަކަށް ވަރަށް ބޮޑަށް އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެހެންވެ ސަދަގާތާއި ހައިރާތާއި ހެޔޮކަންކަމަށް ދިވެހިން ކުރާ ހަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެހީތެރިކަން ބޭނުންވާ އެތައް ކަމެއް ހުރި އިރު، އެ ކަންކަމަށް ސަދަގާތާއި ހައިރާތުގެ ފައިސާ ނުލިބޭތީ ކަންބޮޑުވުމާ އެކު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ ގުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކުގެ އިތުރުން ހެޔޮކަމަށް ހަރަދު ކުރެވޭނެ ހާލަތު އެބަހުރި ކަމަށެވެ. އެ ތަންތަން ނުހަނު ބޮޑަށް އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތައްމެ ޤުރުއާން ކުލާހެއް އެބަހުރި ހުއްޓިފައި. ކިތައްމެ އެދުރުގެއެއް އެބަހުރި ހުއްޓިފައި. ގޮނޑި އާއި އެ ނޫން ވެސް ވަސީލަތްތައް އެ ތަންތަނަށް ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ވަރަށް ގިނަ ދިވެހިން އެ މީހުންގެ ސަދަގާތުގެ ފައިސާ ރާއްޖެ އިން ބޭރުގެ ކަންކަމަށް ހަރަދު ކުރާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތަކަށް ނުވަތަ ފެންވަޅު ބެހެއްޓުމަށް ނުވަތަ އެ ނޫން ވެސް ކަންކަމުގެ ހަރަދު ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެއީ ވެސް ރަނގަޅު ކަންކަން. އެހެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ހާލަތު ވެސް ރިއާޔަތްކުރުން ވަރަށް މުހިންމުކަން މި ދަންނަވަނީ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް، ފަސޭހައިން ސަދަގާތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ.
މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި، ސަދަގާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ހަރަދުކުރުން މުހިންމެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތައް ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ކަންކަމަށް ސަދަގާތާއި ހައިރާތުތައް ހާއްސަ ކުރަން އެދިވަޑައިގަތީ އިންސާނީ ހާއްސަ ހާލަތުތައް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތަށް އިސްތިސްނާވާ ގޮތަށް ކަމަށެވެ.