ކުޑަގިރިއަށް ދަތުރު ގޮސް ވޯޓަ ސްލައިޑުން ބޯކޮޅު ވަތަށް ވެއްޓި، ހާލު ސީރިއަސްވި ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
މިދިޔަ ހަފުތާ ބަންދުގައި އިތުރު ބަޔަކާ އެކު ދަތުރު ގޮސް އުޅެނިކޮށް އަނިޔާވީ މާލެއަށް އުފަން އުމަރު އަބްދުލްހަންނާނު، 34، އަށެވެ.
ކުޑަގިރި ބަލަހައްޓާ އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގާފައި ވަނީ ކުޑަގިރީގެ އަތިރިމަތީގައި ބަހައްޓާފައިވާ ވޯޓާ ސްލައިޑެއް ބޭނުން ކުރުމުގެ ތެރޭގައި ކަމަށެވެ.
"އާންމުކޮށް މި ސްލައިޑް ބޭނުންކުރަނީ ކުޑަކުދިންކަމުން އެ ސަރަހައްދުގެ ފުންމިން ހުންނާނީ ކުޑަކުދިންނަށް މޫދަށް އެރިއުޅެވޭނެ ވަރަށް ގާތްގަނޑަކަށް ދެ ފޫޓު ފުންމިނުގަ އެވެ. އުމަރު ނިޔާވީ މި ސްލައިޑްގައި ބޯކޮޅު ތިރިއަށް ވާހެން ސޮއްސާލުމުގެ ތެރޭގައި ކަނދުރާ މޫދު އަޑީގައި ޖެހި މައިބަދަ އަށް ލިބުނު ގެއްލުންތަކަށް ފަރުވާ ދެމުން ދަނިކޮށެވެ،" ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އަދި ބުނެފައި ވަނީ ހާދިސާ ހިނގުމާ އެކު ކުޑަގިރީގެ އަވަސްފަރުވާ ދޭ މެޑިކަލް އޮފިސަރާ އެކު ކުޑަގިރިން ވަގުތުން ލޯންޗުގައި އައިޖީއެމްއެޗަށް އޭނާ ގެންދިޔަ ކަމަށެވެ.
އުމަރަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސް އެ ތަނުގައި އޮޕަރޭޝަނެއް ވެސް ކުރި އެވެ. އޭގެ ފަހުން، ހާލަތު ގޯސްވާން ފެށުމުން އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އޭޑީކޭ އިން ބުނީ އުމަރުގެ ސިކުނޑި މަރުވެފައިވާކަން އެނގުނީ އެ ތަނަށް ގެންދިޔަ ފަހުން ކަމަށެވެ.
އުމަރުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.