މަސްކަޓް (ޖެނުއަރީ 11) - އޮމާންގެ ސުލްތާން ގާބޫސް ބިން ސައިދު އަވަހާރަވިކަން އެ ގައުމުގެ ރަސްމީ ޓީވީން އިއުލާންކޮށްފި އެވެ.

މެދުއިރުމަތީގެ އަދި އަރަބި ދުނިޔޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ގާބޫސް އުމުރުފުޅުން 79 އަހަރުގައި ރޭ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. ސުލްތާން ދާދި ފަހުން ވަނީ ކެންސަރު ބައްޔަށް ބެލްޖިއަމް އާއި ޖަރުމަނުން ފަރުވާ ހޯއްދަވައިފަ އެވެ. ގާބޫސް އަވަހާރަވީ ރަސްކަމަށް ބައިގަރުނު ފުރެން ގާތްވެފައި ވަނިކޮށެވެ.

އޮމާންގެ ރަސްގެފާން ސުލްތާން ގާބޫސް. --ފޮޓޯ:އީޕީއޭ
އޮމާންގެ ރަސްގެފާން ސުލްތާން ގާބޫސް. --ފޮޓޯ:އީޕީއޭ

އޮމާންގައި މިހާރު ވަނީ ތިން ދުވަހު ގައުމީ ހިތާމަ އިއުލާންކޮށްފަ އެވެ. އަދި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި 40 ދުވަހު ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

ގާބޫސްގެ ބަދަލުގައި ތަޚުތަށް އިސްކުރާނެ ބޭފުޅަކު އޮމާންގެ ޝާހީ އާއިލާ އިން ކުރިއަށް 72 ގަޑިއިރު ތެރޭ ނިންމާނެ އެވެ. ދަރިކަލަކު ވެސް އަދި ބޭބޭފުޅެއް، ކޮއްްކޯފުޅެއް ވެސް ނެތް ގާބޫސް 2011 ވަނަ އަހަރު ވަނީ ރަސްކަމުގެ ތަޚުތަށް ވަޑައިގެންނެވޭނެ ގޮތް ބަދަލު ކުރައްވައިފަ އެވެ. ނަމަވެސް ރަސްކަން ލިބޭނެ ފަރާތެއްގެ ނަން އާއްމު ކުރައްވައިފައެއް ނުވެ އެވެ. ގާބޫސްއާ އާއިލީ ގޮތުން އެންމެ ގާތް ބޭފުޅުންނަށް ވެސް ތިއްބެވީ ދެބެންގެ ދެދަރި ބޭފުޅުންނެވެ.

ސުލްތާން ގާބޫސް 1970 ވަނަ އަހަރު ރަސްކަމަށް ވަޑައިގެންނެވީ ލޭއޮހޮރުވުމެއް ނެތް އިންގިލާބެއްގައި ބައްޕާފުޅު ވެރިކަމުން ދުރުކުރުމަށް ފަހު އެވެ.