ކުއާލަ ލަމްޕޫރު (ޖުލައި 26) - ރަޝިޔާގެ ރީތީގެ ރާނީއަކާ ކައިވެނި ބައްލަވައިގަތުމަށް ރަސްކަން ދޫކޮށްލެއްވި ކަމަށް ބުނާ މެލޭޝިއާގެ ކުރީގެ ރަސްގެފާން މުހައްމަދު (5) ގެ ކައިވެނި ރޫޅިއްޖެ ކަމަށް އޭނާގެ ވަކީލް ވިދާޅުވެއްޖެ އެވެ.

މީގެ 60 އަހަރު ކުރިން އިނގިރޭސިންގެ ބާރުގެ ދަށުން މިނިވަންކަން ލިބުނު ފަހުން މެލޭޝިއާގައި އެއްވެސް ރަސްކަލަކު ރަސްކަން ދޫކޮށްލައްވައިފައެއް ނުވެ އެވެ. ސުލްތާން މުހައްމަދު މިދިޔަ ޖެނުއަރީ މަހު ރަސްކަން ދޫކޮށްލެއްވި ވަކި ސަބަބެއް ނޭޝަނަލް ޕެލަސް އިން އޭރު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ސުލްތާން މުހައްމަދު ރަސްކަން ދޫކޮށްލެއްވީ ރަޝިޔާގެ މޮޑެލްއާ ކައިވެނި ބައްލަވައިގަތުމަށް ކަމަށް މީޑިއާތަކުން އޭރު ބުނެފައިވެ އެވެ.

ކައިވެނި ރޫޅުނު ކަމަށް ސުލްތާން މުހައްމަދު (5) ގެ ވަކީލް ވިދާޅުވި ނަމަވެސް ކުރީގެ މިސް މޮސްކޯ ވިދާޅުވީ އޭނާ އަދިވެސް އުޅުއްވަނީ ސުލްތާން މުހައްމަދާ ކައިވެނި ބައްލަވައިގެން ކަމަށެވެ.

މެލޭޝިއާގެ ކުރީގެ ރަސްގެފާން މުހައްމަދު (5) އާއި ރަޝިޔާގެ އަނބިކަނބަލުން.
މެލޭޝިއާގެ ކުރީގެ ރަސްގެފާން މުހައްމަދު (5) އާއި ރަޝިޔާގެ އަނބިކަނބަލުން.

ސުލްތާން މުހައްމަދުގެ ސިންގަޕޫރު ވަކީލް ކޮހް ޓިއެން ހުއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުލްތާން މުހައްމަދާއި ރަޝިޔާގެ އަނބިކަނބަލުން ރައިހާނާ އޮޒާނާ ގޯބަޓެންކޯގެ ކައިވެނި ޖޫން 22، 2019 ވަނަ ދުވަހު ނިމުމަކަށް އައިސްފައި ކަމަށެވެ. އަދި ސުލްތާން މުހައްމަދު ނިސްބަތްވެވަޑައިގަންނަވާ ކެލަންޓަން ސްޓޭޓުގެ އިސްލާމިކް ކޯޓަކުން ވަރީގެ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އެކަމަކު ރަޝިޔާގެ ކުރީގެ ރީތީގެ ރާނީ މެލޭޝިއާގެ ވެބްސައިޓަކަށް ވިދާޅުވީ އޭނާ ވަރިކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސުލްތާންއާ އެކު ނަންގަވާފައިވާ ފޮޓޯތައް އޭނާ ގެންދަވަނީ އިންސްޓަގްރާމް ކުރައްވަމުންނެވެ.

މެލޭޝިއާގެ ކުރީގެ ރަސްގެފާން މުހައްމަދު (5). --ފޮޓޯ:އޭއެފްޕީ
މެލޭޝިއާގެ ކުރީގެ ރަސްގެފާން މުހައްމަދު (5). --ފޮޓޯ:އޭއެފްޕީ

މެލޭޝިއާގެ އެކި ސްޓޭޓްތަކުން ރަސްކަން ދައުރުވާ ގޮތަށް އޮންނަ އިރު ސުލްތާން މުހައްމަދު ތަޚުތަށް އިސްވެވަޑައިގެންނެވީ ޑިސެމްބަރު 2016 ގަ އެވެ.

ފަސް އަހަރުން އެއް ފަހަރު ރަސްކަން ދައުރުވާ ގޮތަށް އޮންނަ ހަމައެކަނި ގައުމަކީ މެލޭޝިއާ އެވެ. އެ ގައުމަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކޮންމެ ފަސް އަހަރަކުން ވެސް ނުވަ ސްޓޭޓުގެ ވެރިންގެ މެދުގައި ރަސްކަން އަންނަނީ ދައުރު ކުރަމުންނެވެ. އެކަމަކު އެއީ ރަމްޒީ މަގާމެކެވެ.

ސުލްތާން މުހައްމަދަށް ފަހު މެލޭޝިއާގެ ރަސްގެފާނުގެ މަގާމަށް ހަމަޖައްސާފައި ވަނީ ޕަހަންގުގެ ސުލްތާން އަބްދުﷲ އެވެ.