ކުއާލަ ލަމްޕޫރު (ޖެނުއަރީ 24) - މެލޭޝިއާގެ އާ ރަސްގެފާނުގެ މަގާމަށް ޕަހަންގުގެ ސުލްތާން އަބްދުﷲ މިއަދު އިންތިޚާބުކޮށްފި އެވެ.
އާ ރަސްގެފާނަކު ހަމަޖައްސާފައި ވަނީ ކުރީގެ ރަސްގެފާން ކެލަންޓަންގެ ސުލްތާން މުހައްމަދު ޖެނުއަރީ މަހު މަގާމު ދޫކޮށްލުމާ ގުޅިގެންނެވެ. މިއީ މެލޭޝިއާގެ ތާރީޚުގައި ވެސް ރަސްކަލަކު ރަސްކަން ދޫކޮށްލެއްވި ފުރަތަމަ ފަހަރެވެ. އޭނާ ރަސްކަން ދޫކޮށްލެއްވީ ތަޚުތަށް އިސްކުރިތާ ދެ އަހަރު ފަހުންނެވެ.
ސުލްތާން އަބްދުﷲ ރަސްކަމުގެ ހުވާ ކުރައްވާނީ މި މަހު 31 ވަނަ ދުވަހު އެވެ. ޕަހަންގް ސްޓޭޓުގެ ސުލްތާންގެ ހުވާ އޭނާ ކުރެއްވީ މި މަހު ކުރީކޮޅު އެވެ.
ސުލްތާން މުހައްމަދު ރަސްކަން ދޫކޮށްލެއްވި ސަބަބެއް ނޭޝަނަލް ޕެލަސް އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ސުލްތާން މުހައްމަދު ރަސްކަން ދޫކޮށްލައްވާފައި ވަނީ އަމިއްލަ ދިރިއުޅުއްވުމާ ގުޅޭ މައްސަލަތަކެއް ފެންމަތިވެފައިވާ ދުވަސްވަރެއްގަ އެވެ. ރަސްގެފާން ވަނީ ރަޝިޔާގެ މޮޑެލްއަކާ ކައިވެނި ބައްލަވައިގެންފަ އެވެ.
ރަސްގެފާން ސުލްތާން މުހައްމަދު ވަނީ ނޮވެމްބަރު މަހު ބޭސްފަރުވާގެ ޗުއްޓީއެއް ނަންގަވައިފަ އެވެ. ނަމަވެސް ފަހުން ވަނީ ރަޝިޔާގެ ކުރީގެ ރީތީގެ ރާނީއާ އެކު މޮސްކޯގައި ނަންގަވާފައިވާ ފޮޓޯތަކެއް އާއްމުވެފަ އެވެ.
މެލޭޝިއާގެ އެކި ސްޓޭޓްތަކުން ރަސްކަން ދައުރުވާ ގޮތަށް އޮންނަ އިރު ސުލްތާން މުހައްމަދު ތަޚުތަށް އިސްވެވަޑައިގެންނެވީ ޑިސެމްބަރު 2016 ގަ އެވެ.
ފަސް އަހަރުން އެއް ފަހަރު ރަސްކަން ދައުރުވާ ގޮތަށް އޮންނަ ހަމައެކަނި ގައުމަކީ މެލޭޝިއާ އެވެ. އެ ގައުމަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކޮންމެ ފަސް އަހަރަކުން ވެސް ނުވަ ސްޓޭޓުގެ ވެރިންގެ މެދުގައި ރަސްކަން އަންނަނީ ދައުރު ކުރަމުންނެވެ. އެކަމަކު އެއީ ރަމްޒީ މަގާމެކެވެ.