އިންޑިއާގެ ސެލެބްރިޓީންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު އެ ގައުމުގެ މަޝްހޫރު ޑާންސް ގްރޫޕް އެމްޖޭ5 ގެ އާ ވީޑިއޯ ލަވަ ރާއްޖޭގައި ޝޫޓްކޮށް ރިލީޒްކޮށްފި އެވެ.

"ބަވާލް" ގެ ނަން ދީފައިވާ ލަވަ ޝޫޓްކޮށްފައި ވަނީ ކިހާ މޯލްޑިވްސް އައިލެންޑް ރިސޯޓްގަ އެވެ.

ބީ ކިޝް ޓީ ޑައިރެކްޓްކޮށްފައިވާ ލަވަ "ބަވާލް" އަކީ ކާތިކް، ރޯހިތު އަދި ޑެނިސް ކިޔާފައިވާ ލަވައެކެވެ. މީގެ މިއުޒިކް ހެދީ ޅެމުގައި ވެސް ހިއްސާވި ޑިޒާންޓެވެ.

އެމްޖޭ5 އަކީ އިންޑިއާގެ ބައެއް ޓީވީ ޗެނެލްތަކުން ގެނެސްދީފައިވާ ޑާންސް ޝޯތަކުގައި ވާދަކޮށްގެން އެ މީހުންގެ ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ދައްކާލާފައިވާ ތަފާތު ގްރޫޕެކެވެ. އެމެރިކާ ކުރީގެ ޕޮޕް އައިކަން މައިކަލް ޖެކްސަން މެންޓޯއެއްގެ ގޮތުގައި ދެކޭ އެމްޖޭ5 ގެ އެންމެ ހާއްސަ ކަމަކީ ވަރަށް ތަފާތު ސްޓެޕްތަކަށް ނެށުންތައް ގެނެސް ދިނުމެވެ.

އެގޮތުން ފަސް މެންބަރުން "ސިންކްވެގެން" ގެނެސްދޭ ނެށުންތަކީ ބެލުންތެރިން ހެއްވައިލާ ގޮތަށް އާންމުކޮށް ގެނެސްދޭ ނެށުންތަކެވެ. ތަފާތު ނެށުންތަކެއް ގެނެވިދާނެ ކަމަށް ހީ ވެސް ނުވާ ކަހަލަ ލަވަތަކަށް ނެށުމަކީ ވަކިން ހާއްސަކޮށް އެމްޖޭ5 ގެ ހާއްސަ ސިފައެކެވެ. މި ގްރޫޕް ވާދަކޮށްފައިވާ ޝޯތަކުގެ ތެރޭގައި ސްޓާ ޕްލަސްގެ "ޑާންސް ޕްލަސް" އާއި "އިންޑިއާސް ޑާންސިން ސުޕަސްޓާ" ފަދަ ޝޯތައް ހިމެނެ އެވެ.

ރާއްޖޭގައި ލަވައެއް ޝޫޓްކޮށް ނެރުމުގެ ކުރިން ވެސް އެމްޖޭ5 އިން ވީޑިއޯ ލަވަތަކެއް ނެރެފައިވެ އެވެ.

ބޭންޑްގައި ހިމެނޭ މެމްބަރުންނަކީ ކާތިކް ޝަރައޭ ކަންނާ، ރޯހިތު ސިންގް، ހިމާންޝޫ ގޯލާ އަދި ވިޝްނޫ ޝަރުމާ އެވެ.