ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓް ތެރޭގައި މަރާލި ބަންގްލާދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން އޭނާގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދެފި އެވެ.

ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނި ގޮތުގައި، ރެސްޓޯރަންޓުގެ ޕާކިސްތާނު ކައްކާގެ ހަމަލާއަކުން މަރުވި އެމްޑީ ޝާހިން، 29، އަކީ ބަންގްލާދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖްގެ މީހެކެވެ. މިއީ ފަގީރު ސަރަހައްދެކެވެ.

ރާއްޖޭގައި ހުންނަ ބަންގްލާދޭޝް ހައި ކޮމިޝަނާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ ޝާހިންގެ މަރާ ގުޅިގެން ބަންގްލާދޭޝް މީހުން އެއްވެ މުޒާހަރާ ކުރުމުން އެތަނުން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ހައި ކޮމިޝަނުން ގޮސް މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކައި ހަމަޖެހިގެން ތިބުމަށް ވެސް އެދުނު ކަމަށެވެ.

މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުހައްމަދު އާބިދު
މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުހައްމަދު އާބިދު

މަރުގެ މައްސަލާގައި ހައި ކޮމިޝަނުން ހިތާމަ ފާޅުކޮށްފައި ވާއިރު އާއިލާ އިން ވަނީ އިންސާފު ހޯދައިދިނުމަށާއި ޝާހިންގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން ކަމާބެހޭ އިދާރާތަކުގައި އިލްތިމާސްކޮށްފައި ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

ޑެއިލީ ސްޓާ އަށް ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ޝާހިންގެ ގަޔަށް ވަޅިހެރީ ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހިނގި ދެބަސްވުމެއްގެ ތެރޭގައި ކަމަށެވެ.

މަރުގެ ތުހުމަތުކުރެވޭ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު، 26، ވަނީ ހަމަލާ ދިނުމަށް ފަހު ފިލައިފަ އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ހިނގި ހާދިސާއަށް ފަހު އޭނާ ފިލައިގެން އުޅެނިކޮށް ފުލުހުން އެރޭ މެންދަމުން އަލިވި ފަހުން ހައްޔަރުކޮށްފަ އެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްދީފަ އެވެ.