ބާންލީ (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި، މިދިޔަ ސީޒަންގެ ރަން ބޫޓު ހޯދި ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ދެ ގޯލު ޖަހައި ބާންލީ އަތުން 3-0 އިން ޓީމު މޮޅުކޮށްދިންއިރު، މެޗުގައި ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާއަށް އަނިޔާ ވެއްޖެ އެވެ.
މިދިޔަ ސީޒަނަކީ ހާލަންޑް، 23، ޕްރިމިއާ ލީގުގައި ފުރަތަމަ ސީޒަނެވެ. އޭނާ ރަން ބޫޓު ހޯދީ ރެކޯޑް 36 ގޯލު ޖަހައިގެންނެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅަ ވެސް ނެރުނީ ގޯލުންނެވެ. މެޗުގެ ހަތަރުވަނަ މިނިޓުގައި އޭނާ ގޯލު ޖެހީ ރޮޑްއރީ ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގެ 36 ވަނަ މިނިޓުގައި ހާލަންޑް އޭނާގެ ދެވަނަ ގޯލު ޖެހީ ހޫލިއަން އަލްވަރޭޒްގެ އެހީތެރިކަމާ އެކު އެވެ. މިއާ އެކު އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ޖުމްލަ 36 މެޗުން 38 ގޯލު ޖަހައިފަ އެވެ. ބާންލީ ކޮޅަށް ސިޓީގެ ތިންވަނަ ގޯލު 75 ވަނަ މިނިޓުގައި ޖަހައިދިނީ ރޮޑްރީ އެވެ.
ކެޕްޓަން ކެވިން ޑި ބްރޭނާ ރޭގެ މެޗު ފެށި ނަމަވެސް އަނިޔާ ވެގެން 23 ވަނަ މިނިޓުގައި އޭނާ ވަނީ ބަދަލު ކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ މި ސީޒަނަށް ޗެލްސީއިން ގެނައި މަޓެއޯ ކޮވެސިޗެވެ.
"އޭނާއަށް [ޑިބްރޭނާ އަށް] އަނިޔާވީ ޗެމްޕިއަންސް ލީގު ފައިނަލްގައި އަނިޔާވި ތަނަށް، ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ،"މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
"އޭގެ ފަހުން [ޗެމްޕިއަންސް ލީގު ފައިނަލްގެ ފަހުން] އޭނާ ރަނގަޅުވި. އެކަމު އަނެއްކާ ވެސް މި ގެއްލުނީ. ޑޮކްޓަރުންނަށް އިތުރު ތަފްސީލު ދެވޭނީ. އޭނާ ހަމަޖެހިގެން ރިކަވާ ވެގެން އާދެވޭނެ. އޭނާ ހުރީ ރަނގަޅު ފޯމެއްގައި ފުރަތަމަ ވަގުތުކޮޅު ވަރަށް ރަނގަޅަށް ކުޅުނު."
ގާޑިއޯލާ ވަނީ ސިޓީއަށް މި ސީޒަނަށް އާރުބީ ލައިޕްޒިގުން ގެނައި ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ފަހު ހާފުގައި ކުޅެން އަރުވައިފަ އެވެ.
މެޗުގެ ބާކީ ބައިގައި ޓީމް ލީޑް ކުރި ވައިސް ކެޕްޓަން ކައިލް ވޯކާ ވެސް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. ވޯކާއަށް އަނިޔާވީ މެޗުގެ އިތުރު ވަގުތުގައި ބާންލީގެ ސްޓްރައިކަރު އަނަސް ޒަރޫރީ ޖެހި ޓެކުލަކުންނެވެ.
ޒަރޫރީ އަށް ރެފްރީ ރީނދޫ ކާޑު ދެއްކި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީގެ ކޯޗު ކަމުގައި ޗެމްޕިއަންޝިޕްގެ ތަށި ހީދައިގެން އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބާންލީގެ ތާރީހުގައި ވެސް އެޓީމުގެ ދަނޑުގައި ކުޅުނު މެޗެއްގައި އެޓީމު ކުޅުންތެރިއަކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މިއަދު ހަވީރު އާސެނަލް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރާއިރު، ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރާ މެޗު މިރޭ ކުޅޭނެ އެވެ. ޓޮޓެންހަމާއި ބްރެންޓްފޯޑް މާދަމާ ރޭ ބައްދަލުކުރާއިރު، ފެށޭ ހަފްތާގެ އެންމެ ފޯރިގަދަ މެޗަކަށް އޮތީ މާދަމާ ރޭ ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ ދަންވަރެވެ.