ނައިރޯބީ (މާޗް 17) - ކެންޔާގައި ރެއިލްވޭ ލައިނެއް ހަދަން ޗައިނާ އިން ނަގާފައިވާ ބޮޑު ލޯނުގެ ދަރަނި އަދާނުކުރެވުނު ނަމަވެސް އެ ގައުމުގެ މައި ބަނދަރު ބެއިޖިންއާ ހަވާލު ނުކުރާނެ ކަމަށް ކެންޔާގެ ފިނޭންސް މިނިސްޓަރު އުކުރު ޔަޓަނީ ވިދާޅުވެއްޖެ އެވެ.
ކެންޔާގައި ހެދި 472 ކިލޯ މީޓަރު (293 މޭލު) ރޭލްވޭ އަށް އިންޓަނޭޝަނަލް ސްޓެންޑަޑުން ބަލާ ނަމަ ތިން ގުނަ އަދި އެންމެ ފުރަތަމަ ކުރި އެސްޓިމޭޓަށް ވުރެ ހަތަރު ގުނަ އިތުރަށް ޚަރަދުކޮށްފައިވެ އެވެ.
ކެންޔާގެ ނޫހަކުން ބުނި ގޮތުގައި ޗައިނާ އިން ނަގާފައިވާ 3.2 ބިލިއަން ޑޮލަރުގެ ލޯނު ނުދެއްކިއްޖެ ނަމަ އެންމެ ބޮޑު ބަނދަރު މޮމްބާސާ ޗައިނާ އަށް ހަވާލުކުރަން ޖެހިދާނެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޗައިނާ ނުވަތަ އެނޫން ބައެއްގެ ވެސް އަތްދަށަށް ބަނދަރު ދިއުމުގެ ބިރެއް ނެތް ކަމަށެވެ. އަދި ރޭލްވޭ ލޯނު އެހެން ފަންޑަކުން ނުވަތަ އެހެން އެއްޗަކުން ދައްކާ ނަމަ ޕާލަމެންޓުގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕަބްލިކް އެސެޓްތައް ލޯން ސެކިއުރިޓީގެ ގޮތުގައި ނުދެވޭނެ. އަދި އެއީ ލޯނު އެއްބަސްވުންތަކާ ވެސް ޚިލާފު ކަމެއް،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
މޮމްބާސާ ބަނދަރަކީ އެ ސަރަހައްދުގައި ވެސް އެންމެ ބިޒީ އެއް ބަނދަރެވެ.
ސްރީ ލަންކާގެ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކުގެ ދަރަނި ނުދެއްކިގެން އެ ގައުމުގެ ހަމްބަންޓޯޓާ ބަނދަރު ވަނީ ޗައިނާ އަށް 99 އަހަރަށް ހަވާލުކޮށްފަ އެވެ.